ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވުމަށް، މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަހުމަދު ހައިލަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުއްވި ކަމަށް ބުނެ ކުރާ ތުހުމަތުތައް ޖޭޕީން ދޮގުކޮށްފިއެވެ.

ޗެނަލް13ގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަށް އެމަނިކުފާނުގެ މައްސަލަ ބެއްލެވި ހައިލަމަށް ގާސިމް ގުޅުއްވި ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމުގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ، ގާސިމަކީ ސިޔާސީ ގޮތުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް ރައްޔިތަކަށް އަދި ސިޔާސީ ލީޑަރަކަށްވެސް އަނިޔާއެއް ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަދި އެއީ ހިނގާފައިވާ ކަމެއްތޯ ބެއްލެވުމަށް ފުލުހުން ހާއްސަ ތަހުގީގެއް ފައްޓައިފިނަމަ، އެކަމަށް އެއްބާރުލެއްވުން ދެއްވަންވެސް ގާސިމް ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން 2023ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ވާދަކުރަން ޖެހޭނެ ކަމަކަށް. ޑިއުރެސްޕެކްޓުގައި މި ދެންނެވީ. ﷲގެ ވާގިފުޅާ އެކު ޕީޕީއެމްގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަން. އަޅުގަނޑުމެން އެ ޔަގީންކަމާ އެކު މިދަނީ. 2023 އަންނައިރު މިތާ [ޖުމްހޫރީ ޕާޓީ] ޓީމު ބޮޑުވާނެ ޕީޕީއެމަށް ވުރެ ﷲގެ ވާގިފުޅާއެކު،" އިލްހާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގާސިމަށް ފާޑުވިދާޅުވެ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާ ބައެއް ބޭފުޅުންނަކީ އެމަނިކުފާނަށްވެސް އިހުލާސްތެރި ބޭފުޅުންތަކެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ޔާމީން ޖަލަށް ލެއްވުމުން އެ ބޭފުޅުން މަސައްކަތް ފެއްޓެވީ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކަމަށް ވިދާޅުވިއެވެ.