އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާ ކަމަކުން މުޅި މުއައްސަސާ ބަދުނާމުވެ, މުއައްސަސާގެ ރީތި ނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ ކިބައިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހި ފުލުހުންނަކީވެސް ދިވެހި އާއިލާތަކުން އުފެދިފައިވާ މުއައްސަސާއެއް ކަމަށާއި އެހެންކަމުން ދިވެހިންގެ ތެރޭގައި ހުރި ބައެއް ކަހަލަ އާދަތަކާއި ބައެއް ކަހަލަ ސިފަތައް މުއައްސަސާގައި ދެވޭ ތަމްރީނުތަކާއި ދެވޭ ހުނަރުތަކުންވެސް ކެނޑިގެން ނުދާ އޮފިސަރަކު ތިބެދާނެ ކަމަށެވެ.
ފުލުހުންގެ ހިދުމަތް، އަސްކަރީ ފުލުހުންގެ ހިދުމަތުން މަދަނީ ފުލުހުންގެ ހިދުމަތަކަށް ބަދަލުވިތާ 17 އަހަރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަމާޒު ހިފަނީ ގާނޫނީ ތަސައްރަފު ފުދިގެންދާ އިރު ފުލުހުންގެ މުއައްސަސާއަކީ 21 ވަނަ ގަރުނުގައި ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ މުއައްސަސާއަކަށް ހެދުމަށް ކަމަށެވެ. އެމަގުން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ ރޭންކުތަކަށް ކުރިއަށް ވުރެ ބޮޑަށް ބަދަލުތައް ގެނެވި، މަސައްކަތް ކުރުމުގައި ޗޭން އޮފް ކޮމާންޑަށް އިތުރަށް ހަރުދަނާކަން ލިބިގެންދާނެ ގޮތަށް ތަރުތީބު ކުރެވިއްޖެ ކަމަށެވެ. އެގޮތުން ފުލުހުން، ރައްޔިތުންނަށް ޖަވާބުދާރީވާނެ އަދި ދައުލަތަށް ޖަވާބުދާރީ ކުރެވޭނެ ރަނގަޅު ނިޒާމާއި އޮނިގަނޑުތައް އެކުލެވިގެން ހިނގައްޖެ ކަމަށާއި އަދި އެގޮތަށް މުއައްސަސާ ބައްޓަންކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރެވިގެން ހިނގައްޖެ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް ދެވޭ ހިދުމަތް އިތުރު ކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން ރޭވިގެންދާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަށް މިވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭ ފަދަ ބޮޑެތި މަސައްކަތްތަކެއް މިސަރުކާރުން ކުރަމުންގެންދާ ކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިއަދު އަތޮޅުތެރޭގެ 52 ރަށަށްވުރެ ގިނަ ރަށުގައި ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ވަރުގަދަކުރުމަށް މިސަރުކާރުން ކުރާ ވަރަށްބޮޑު މަސައްކަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު