ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތް ތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިވަނީ ބިލެއް ހުށަހަޅައިފައެވެ.
އެ ބަދަލު ގެނައުމަށް ހުށަހަޅާފައި ވަނީ، "އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ގާނޫނު" އިން އިލެކްޓްރޯނިކް އެއްބަސްވުންތަކާއި، އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭ ގޮތަށް ޑޭޓާ މެސެޖުތަކަށް ގާނޫނީ ބާރު ދީގެންނެވެ.
މިދިޔަ ހަފުތާގައި މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދެވެ.
ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް، ތަރައްގީ ކުރުމަށް ޓަކައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި އެނޫން ބޭނުންތަކުގައި، އިލެކްޓްރޯނިކް ދާއިރާއިން މުއާމަލާތު ކުރުމާއި، އެފަަދަ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ދާއިރާއިން މުއާމަލާތް ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް، ޓްރަސްޓް ހިދުމަތްތަކުގެ ބޭނުން ކުރުމާ ގުޅޭ އުސޫޅުތައް ކަނޑައެޅުން ކަމަށެވެ.
ބިލުގައިވާ ގޮތުން ޑޭޓާ މެސެޖުގެ ގޮތުގައި ހިމެނޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް މި ގާނޫނު ހިނގާނެ އެވެ.
ޑޭޓާ މެސެޖުތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފޮނުވާ އަދި ލިބޭ، މެސެޖުތަކާއި، އީމެއިލާއި، މެސެޖިން އެޕްލިކޭޝަންތަކުން ފޮނުވާ މުއާމަލާތްތައް ހިމެނެއެވެ.
މިބިލު ގާނޫނަކަށް ވުމުން އިލެކްޓްރޯނިކު ސޮއި އަދި ޓްރަސްޓް ހިދުމަތްތައް ހިމެނޭ ގޮތަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކު މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީ ގޮތުން ކަށަވަރު ކުރެވޭނެ ގޮތް ފަހިވެގެން ދާނެއެވެ.
ބިލުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ، އެއްބަސްވުމެއްގެ ބައިވެރިން އެހެން ގޮތަކަށް ކަނޑަ ނާޅާހާ ހިނދަކު، އެއްބަސްވުން އެކުލަވާލުމުގައި، އެ އެއްބަސްވުމެއްގެ ހުށަހެޅުމާއި ގަބޫލު ކުރުން އިލެކްޓްރޯނިކް ޒަރީއާއިން ހިންގިދާނެ ކަމަށެވެ. އަދި އިލެކްޓްރޯނިކް މުއާމަލާތް ބޭނުން ކޮށްފައިވާ އެއްބަސްވުމެއް ހަމައެކަނި އެސަބަބުގެ މައްޗަށް ބިނާކޮށް، ސައްހަ ނޫން، ނުވަތަ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމެއްގެ ގޮތުގައި ކަނޑައަޅައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޑޭޓާ މެސެޖުތަކުގެ ގާނޫނީ ހައިސިއްޔަތު ކަނޑައަޅައި، ބިލުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ ޑޭޓާ މެސެޖެއްގެ ސިފައިގައި މައުލޫމާތެއް އޮތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މެސެޖަކީ ގާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ގާނޫނީ ގޮތުން ސައްހަ ނުވާނެ، ނުވަތަ ގާނޫނީ ގޮތުން އެ މައްޗަށް އަމަލު ނުކުރެވޭނެ އެޗެއް ކަމަށް ބަލައިގެންވާނެ ސަބަބެއް ނޫން ކަމަށެވެ.
ޑޭޓާ މެސެޖެއްގައި ހިމެނޭ މައުލޫމާތަކީ، އެ މެސެޖެއްގައި ހިމަނާފައި ނުވާ އެހެންނަމަވެސް، ހަމައެކަނި ހަވާލާ ދީފައިވާ މައުލޫމާތެއް ނަމަ، އެއީ ހަމައެކަނި އެ ސަބަބަށް ބިނާކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ގާނޫނީ ގޮތުން ސައްހަ ނުވާނެ، ނުވަތަ ގާނޫނީ އެ މައްޗަށް އަމަލު ނުކުރެވޭނެ އެޗެއް ކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިލެކްޓްރޯނިކް ސޮޔަށް ގާނޫނީ ބާރު ދިނުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގެ 26 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނަކުން މީހެއްގެ ސޮޔެއް އޮތުން ލާޒިމް ކޮށްފައިވާ ހާލަތެއްގައި ޑޭޓާ މެސެޖެއްގައި ބޭނުން ކޮށްފައިވާ އިލެކްޓްރޯނިކު ސޮޔަކީ، އެންމެހައި ހާލަތްތަކަށާއި، ކަމާ ގުޅޭ އެއްބަސްވުމެއް ވެފައި ވާނަމަ، އެ އެއްބަސް ވުމަކަށް ރިއާޔަތް ކުރާއިރު، އެ ޑޭޓާ މެސެޖު ޖެނެރޭޓު ކުރި ނުވަތަ މުއާސަލާތު ކުރި މަގުސަދު ހާސިލު ކުރުމަށް ބަރޯސާ ވެވިދާނެ އަދި ބޭނުންތެރި އިލެކްޓްރޯނިކު ސޮޔެއް ކަމަށް ވާނަމަ، އެ ސޮއި އޮތުމަށް ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ޝަރުތު ފުރިހަމަ ވީ ކަމަށެވެ.
ނަމަވެސް ސޮޔަކީ ބަރޯސާވެވިދާނެ ސޮޔެއް ކަމަށް ބެލެވޭނެ ޝަރުތުތަކެއް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ ތެރޭގައި، ސޮއިގެ ކްރިއޭޝަން ޑޭޓާއަކީ އެ ޑޭޓާ ބޭނުން ކޮށްފައިވާ، ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދޭ ޑޭޓާއަކަށް ވުން، އެ ސޮއިކުރި ވަގުތު ހަމައެކަނި އެ ސޮއިކުރި ފަރާތުގެ ބާރުގެ ދަށުގައިވާ ޑޭޓާއަކަށް ވުން، ސޮއިކުރި ފަހުން އެ ސޮޔަށް އެއްވެސް ބަދަލެއް ގެނެވިފައި ވާނަމަ، އެކަން ދެނެގަނެވެން އޮތުން، ހިމެނެއެވެ.
ޑޭޓާ މެސެޖު ހެކީގެ ގޮތުގައި ބަލައި ގަތުމާބެހޭ އުސޫލުތައް ބަޔާންކޮށްފައި ވަނީ ބިލުގެ 13 ވަނަ މާއްދާގައެވެ.
އެ މާއްދާގައި ބުނެފައި ވަނީ، ޑޭޓާ މެސެޖުތަކަށް ވީތީ އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީއަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނޭ ގޮތަށް ހެއްކާ ބެހޭ އުސޫލުތައް ތަސްބީގު ކޮށްގެން ނުވާނެ ކަމަށެވެ.
ޑޭޓާ މެސެޖެއްގެ ސިފައިގައިވާ މައުލޫމާތަށް ދޭން ޖެހޭ ހެކީގެ ބުރަދަން ކަނޑައެޅުމުގައި އަމަލު ކުރާނީ ހެއްކާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އިންޓަނެޓް މެދުވެރިކޮށް ރާއްޖޭން ބޭރުން ވިޔަފާރިކުރުން މިހާރު ރާއްޖޭގައި އާއްމު ވެފައިވާއިރު، ބި ބިލު ގާނޫނަކަށް ވެ، އަމަލު ކުރަން ފެށުމުން އެ ފަރާތްތަކަށް ބޮޑެތި ހިމާތްތަކަކާއި، ކުރާ ވިޔަފާރިތަކަށް އިރުބާރު ލިބިގެންދާނެ އެވެ.
މި ބިލު މިހާރު މަޖިލީހުގައި އޮތީ އިބުތިދާއީ މަރުހަލާގައެވެ.
ބިލުގެ އިބުތިދާއީ މަރުހަލާގައި ވާހަކަ ދެއްކެވި މެންބަރުން، މި ގާނޫނުން ރާއްޖެއަށް އަންނާނެ އިންގިލާބީ ބަދަލުގެ މުހިއްމު ކަމުގެ ވާހަކަ ދެއްކެވި ނަމަވެސް މެންބަރުން ވަނީ ކަންބޮޑުވުންތަކެއް ވެސް ފާޅު ކުރައްވައިފައެވެ. އެއީ ހެކަރުންގެ ކިބައިން ދިމާވެދާނެ ނުރައްކާތަކާ ގުޅިގެންނެވެ.
ބިލުން ލިބިދޭ ފައިދާތައް ފާހަގަކުރައްވައި، ބިލުުގެ އިބްތިދާއީ ބަހުސްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މި ބިލުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ދެ ފަރާތުގެ ދެމެދުގައި ކުރެވޭ އެއްބަސްވުން ތަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދިއުން، ކަމަށެވެ. ބިިލުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިފަދަ ގާނޫނެއް ވުޖޫދު ވެގެން އަންނައިރު، އިލެކްޓްރޯނިކު ޒަރިއާއިން ކުރެވޭ މުއާމަލާތްތަކަކީ، އާއްމުންގެ އިތުބާރު ލިބިފައިވާ، އަދި އާއްމުންނަށް ޔަގީން ކުރެވޭ ހިދުމަތަކަށް ވުމަށް ޓަކައި، ކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ މިރޮނގުންވެސް މަކަރު ހަދާ މީހުން އުޅެފާނެ ކަމަށް ބަލަން ޖެހޭ، އެކަމަށް ޓަކައި އެފަދަ ފަރާތްތަކާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ފާހަގަކުރަން ޖެހޭ،" ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރޭގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، އެ ބިލަކީ ރައްޔިތުންނަށް ކަންކަން ފަސޭހަ ވާނެ ގޮތަށް އޮތް ބިލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހަމަ އެއާއެކު އެކަމުގެ ނާޖާއިޒު ބޭނުން ބަޔަކު ހިފާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި، އެކި އެކި ފަރާތްތަކުން ހެކް ކުރުމާއި، އެކިއެކި ގޮތްގޮތަށް މީހުންގެ ޕާސަނަލް އިންފޮމޭޝަން ޑާޓާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންގެ ކެޕޭސިޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، ސައިބާ ފުލުހުން އުފައްދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އިލެކްޓްރޯނިކަލީ މީހުންގެ ޑާޓާ ހޯދައިގެން ހެކް ކޮށްގެން ސިސްޓަމްތައް ހުއްޓުމަކަށް ގެނައުމަށް ވެސް ދުނިޔޭގެ އެކި ތަންތަނުގައި ބޮޑެތި މަސައްކަތްކެއް ކުރަމުން އެބަދޭ،" ރިޔާޒް ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ހެކަރުން އައިސް ގޮތެއް ހަދާފައި، ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓްގައި ހުންނަ ލާރިކޮޅު ނަގާ ގޮތަށް ގާނޫނު އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެ ބިލު ކޮމިޓީއަށް ދާއިރު އިސްލާހު ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތައްތައް އެ މެންބަރު ވަނީ ސަމާލު ކަމަށް ގެންނަވައިފައެވެ.
އެހެންކަމުން މިފަދަ މުހިއްކު ގާނޫނެއް ވުޖޫދު ކުރެވިގެންދާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ދިމާވެދާނެ ކަންތައްތަކަށް ރާއްޖޭގެ އިންޓެލިޖެންސްގެ ކެޕޭސިޓީ އޮތް ފެންވަރާ މެދު އުފެދޭ ސުވާލެވެ. އަދި ރާއްޖޭގެ ފުލުހުން އެކަމަށް ތައްޔާރުތޯ އުފެދޭ ސުވާލެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް