ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުގެ ބަދަލުގައި އެއް ކޮމިޝަން އުފެއްދުމުގެ މަސައްކަތް މި އަހަރު ކޮށް ނިމޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް މިހާރު ވެސް އެޓާނީ ޖެނަރަލްގެ އޮފީހުން ކުރަމުން އަންނަ ކަމަށާއި، ބައެއް ކޮންސަލްޓޭޝަން މިހާރު ވެސް ހޯދާފައިވާ ކަމަށެވެ.

އެ މަސައްކަތް މިހާތަނަށް ކޮށްފައިވަނީ މީޑިއާ ދާއިރާގެ ފަރާތްތަކުގެ ހިޔާލު ހޯދައިގެން ކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، މިހާރު ލަސް ވަނީ ބޭރުގެ އެކްސްޕާޓުންގެ މަޝްވަރާ ހޯދުމަށް ކަމަށެވެ.

"މީގަ ބެލެންސެއް ގެންގުޅެން ޖެހޭ. އެކަން ކުރާއިރުގައި އެއީ ޕްރެސް ފްރީޑަމް އަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކުރެވޭ ކަމަކަށް ވާން ޖެހޭ،" މަބްރޫކް ވިދާޅުވި އެވެ.

ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށްފަހު ދެ ކޮމިޝަން އެއްކޮލުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކޮށް ނިންމާލާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ 32 ބިލްގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު ހިމެނެ އެވެ.

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ހަދަން ޖެހޭ ގާނޫނު ހެދުމަށް ޓަކައި އެކުލަވައިލަން ޖެހޭ ބިލުުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި އެޓާނީޖެނެރަލް (އޭޖީ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ފާސްކޮށްފަ އެވެ.