އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި މީހާ އަދިވެސް އޮތީ ހޮސްޕިޓަލު ވޯޑުގައި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
"ވަން" އަށް މިއަދު މައުލޫމާތު ދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ޞާފީ މުހައްމަދު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ ޒަަހަމުކޮށްލައިގެން ގެންދިޔަ މީހާގެ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށާއި ކުރިއަށްވުރެން މިހާރު ހާލު ރަނގަޅު ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ޞާފީ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޒަހަމުވި މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ޒަހަމު ލިބިފައިވާ ކަމަށާއި، އަދި އެންމެ ފުން ޒަހަމެއް ހުރީ އަތުގައި ކަމަށެވެ. ނަމަވެސް ސާޖަރީއަށްފަހުގައި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިތަދޫގައި 42 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި މައްސަލާގައި، އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، އަދި އެ މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.
ހިތަދޫ ރައްޔިތަކު ނަން ހާމަ ނުކުރުމަށް އެދި "ވަން" އަށް ބުނީ، އެކަން ހިނގާފައި ވަނީ އެ ރޭ އެސްބީއައި ބޭންކުގައި ކުލަ ލުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތުގައި ކަމަށެވެ. އެގޮތުން އެއީ އެތަނުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު