ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމަށް އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އަލިފުށީ އެއާޕޯޓު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ޖުމުލަ 451 މިލިއަން ރުފިޔާ އަށް އަލިފުށީގައި އެއާޕޯޓް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރުމަށެވެ.

މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް ގާއިމުކޮށް، އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ. އަދި މީގެ ތެރެއިން 10 ހެކްޓަރުގެ ބިން އެ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ދޫކުރާނެ އެވެ. އަދި 40.5 ހެކްޓަރުގެ ބިން ބޭނުންކުރާނީ އެއާޕޯޓު ގާއިމް ކުރުމަށެވެ.

އޭގެ އިތުރަށް ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރު ސަރަހައްދެއްގެ ރިވެޓުމަންޓު ޖެހުމާއި 480 މީޓަރުގެ ގްރޮއިންއެއް ގާއިމް ކުރުން ހިމެނެ އެވެ.

އަލިފުށީގެ އިތުރުން މ. މުލި، ބ. ތުޅާދޫ އަދި ފ. ބިލެއްފަހީގައި އެއާޕޯޓެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.