ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކަށް ސެލޫން ތަކުންނާއި ޖިމްތަކުން ހިދުމަތް ދިނުން މަނާކޮށްފި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސަރުކާރުން އޮތީ މީގެ ކުރިން އިއުލާނުކޮށްފަ އެވެ.

އެކަން ހަނދާން ކޮށްދިނުމުގެ ގޮތުން، މިއަދު އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކަށް، ވިޔަފާރިތަކުން ހިދުމަތް ދިނުމުގައި ބަލަން ޖެހޭނެ ކަމަށެވެ.

އެގޮތުން، ރެޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއް ނަމަ ހިދުމަތް ނުދިނުން،" އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ބުނެފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް އެއްގަމާއި ކަނޑު އުޅުނދުފަހަރުން ދަތުރު ކުރުމަށް ފުރުސަތު ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ އަންގައިފަ އެވެ.