އާދަކާދަ އާއި ސަގާފަތް

ޑރ. ވަހީދުގެ ކޮލަމް: ދިވެހީންގެ މޮޅު ކަނބުރުވެރިކަމާއި ތިލޭރުކަން، އަދިވެސް މިވަރެއް ނެތް

ޑރ. އަބްދުﷲ ވަހީދު

ކަނބުރުވެރިކަމާއި ތިލޭރުކަމަކީ ޘަޤާފީގޮތުން ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކެކެވެ. ކަނބުރުވެރިކަމަކީ ދަގަނޑާއި ލޮޔާއި އެލުމިނިއަމާއި ޖަސްތާއި މިނޫނަސް މިބާވަތުގެ މައުދަނުން އެއްޗެތި އުފެއްދުމެވެ. ތިލޭރުކަމަކީ ރަނާއި ރިހިން ގަހަނާ އުފެއްދުމެވެ. ފުވައްމުލަކުގައި ވެސް ތިލޭރުކަމަށް ބޭނުން ކުރަނީ ހަމަ އެ ނަމެވެ. އެހެނަސް ކަނބުރުވެރިކަމަށް ކިޔަނީ އައްޗަން ކުރުމެވެ.

މި ދެ މަސައްކަތުގައި ވެސް ބޭނުން ކުރަނީ ދާދި އެއް ފާޑުގެ އާލަތްތަކެކެވެ. އެހެން ނަމަވެސް ތިލޭރުކަމުގެ ސާމާނު ކުދިވެފައި ނާޒުކުވާނެއެވެ. މަސައްކަތުގެ އެއްމެ މުހިންމު އާލަތަކީ ގިރުނބާއެވެ. އެއީ ކުރިއަށް ހަނި ފަހަތަށް ފުޅާ، ފުއްޕާލެވޭ އެއްޗެކެވެ. އެ ހުންނަނީ ލަކުޑި ގިއުގަނޑެއްގައި ސަތަރިލައިފައެވެ. ކުރީ ކޮޅުގައި ހުންނާނީ ވައި ނުކުންނަ ހޮޅިއެވެ. ގިރުނބާގެ ފަހަތުބައި ހިއްލައި ތިރިކުރަނީ މަތީގައި ހަރުކޮށްފައިވާ ދަނޑިއަކުންނެވެ. ދަނޑީގެ ފަހަތު ކޮޅު ހުންނާނީ ވާފަށަކުން ގިރުނބާގެ ފުލުގައި ހުންނަ ބޮޅަކާ ގުޅާފައެވެ. ދަނޑީގެ ކުރީކޮޅަށް އޮބީމާ ގިރުނބާގެ ފަހަތު ބައި ހިއްލޭނެއެވެ. އަދި ދޫކޮށްލީމާ އޭގެ އަމިއްލަ ބަރަށް ގިރުނބާގެ އެ ބައި ތިރިވާނެއެވެ. އެގޮތުން ގިރުނބާ ފުއްޕައި ހިންދޭނެއެވެ. އެ ހަރަކާތާއެކު ހޮޅިން ވައި ނުކުމެ އުނދުނަށް ފުމެވޭއެވެ. ގިރުނބާގެ ހޮޅީކޮޅު އޮންނާނީ އުނދުނުގައި ހުންނަ އަނގުރާއި ދެލީގެ ތެރޭގައި ވަޅުލައިފައެވެ.

މަސައްކަތަށް ބޭނުންވާ އެހެން އެއްޗެތީގެ ތެރޭގައި ކިރުނު ހިމެނެއެވެ. އެއީ ދަގަނޑު ފަދަ އެއްޗެތި ތަޅަން އޭގެ މަތީގައި ބާއްވަން ބިމަށް ޖަހާފައި ހުންނަ ވަރުގަދަ ދަގަނޑު އެއްޗެކެވެ. ދަގަނޑު ތަޅާއިރު ހިފަހައްޓަން ހަނޑަސް ބޭނުންވާނެއެވެ. އަދި ތަޅަން މަރުތެޔޮ ބޭނުންވާނެއެވެ. ހަނޑަހުން ނުހިފޭ އެއްޗެއްސަށް ބޭނުންކުރަނީ ބޮޑުދައްޗެވެ.

ލޮއި ފަދަ ތަކެތި ވިރުވަނީ ޚާއްސަ ތައްޓެއްގައެވެ. އެ ހަދާފައި ހުންނަނީ ގްރެފައިޓުންނެވެ. ވިރުވައި އަޅާއިރު ތައްގަނޑު ހަދާ ތަކެތި ބޭނުންވާނެއެވެ. އެކަމަށް ތިލޭރުން ބޭނުންކުރަނީ ދިލަފޮށްޓެވެ. އެއީ އެ މީހުން ހަދާތަކެތި ކުދިވީމައެވެ. ކަނބުރުވެރިން ތައްގަނޑު ހަދަނީ ސިލޯނުން ގެންނަ ރަތް ފަހުންނެވެ. ވިރުވައި އަޅަން ބޭނުންވާ އެއްޗެއްގެ ސިފައަށް ފަސްއަޅައި އޮމާންކޮށްގެން ތައްގަނޑު ހަދަނީއެވެ. މިސާލަކަށް ތާހެއް އަޅަން، ބަންޑުން އޮންނަ ތާހެއްގެ ސިފައިގައި ތައްގަނޑު ހަދަނީއެވެ. ދެން އެލުމިނިއަމް ވިރުވާފައި އޭގެ މައްޗަށް އަޅަނީއެވެ.

މަސައްކަތް ފަށަން ވީމާ ކަނބުރުވެރިން އުނދުން ރޯކުރެއެވެ. އުނދުނަކީ ބިމުގައި ކޮނެފައި ހުންނަ ތިލަ ވަޅުކޮޅެކެވެ. އެއަށް ހުންނާނީ އަނގުރާއި ދެލި އަޅައިފައެވެ. ރޯކުރަނީ ދެލިކޮޅަކަށް ހުޅުލައިގެންނެވެ. ހުޅުލާފައި ގިރުނބާކުރީމާ ދެލިތަކުގައި އެއްކޮށް ރޯވެ ވަރަށް ހޫނު ގަދަވެގެންދާނެއެވެ. އެ ހޫނުން އެލުމިނިއަމާއި ލޮއި ވިރޭނެއެވެ.

ކަނބުރުގޭގައި އާއްމުކޮށް އުފައްދާ ހޫނުން ދަގަނޑެއް ނުވިރޭނެއެވެ. އެހެނަސް ދަގަނޑު ދޮން ވެ، ތަޅައި ބައްޓަން ކުރެވޭ ވަރަށް މަޑު ކުރެވެއެވެ. ދަގަނޑުކޮޅެއް ބައްޓަން ކުރަނީ ހަނޑަހުން ހިފައި ކިރުނުގައި ބާއްވައިގެން މަރުތޭލަކުން ތަޅައިގެންނެވެ. ތަޅާނީ އެހީތެރިއެކެވެ. ތަޅައި ނިމުނީމާ ފެނަށް ލައިގެން ހިހޫކުރަނީއެވެ. ދޮން ދަގަނޑު ފެނަށް ލައި ކުއްލިއަކަށް ހިހޫކޮށްލީމާ އެއަށް ފަންވަރު އަންނާނެއެވެ. އެއީ ހަރުވެ މުރަނަ ވުމެވެ. އާއްމުކޮށް ފަންވަރު ގެންނަނީ ވަޅިފަދަ އެއްޗެއްސަށެވެ. އެއީ ބޮޑަށް ތޫނު ކުރެވޭނެތީއެވެ.

ތިލޭރުން އެއްޗެތި އުފައްދަނީ ރަނާއި ރިހިންނެވެ. ކަނބުރުވެރިން އުފައްދަނީ ދަގަނޑާއި ލޮޔާއި އެލުމިނިއަމުންނެވެ. މީގެ އިތުރުން ބޭރުގައިލާން ތިމަރަ ބޭނުންކުރެއެވެ. ދަގަނޑު ގިނައިން ހޯދަނީ އިމްޕޯޓްކުރާ އެކި ސައިޒުގެ ވަށް ދަގަނޑުންނެވެ. ރާއްޖޭގެ އެކިފަރުފަރަށް އުރިފައި ހުންނަ ބޯޓްފަހަރުގެ ބުރަފަތިން ލޮއި ލިބެއެވެ. އަދި ބާ ވޮށް، ކުރާ ފަދަ އެއްޗެތިން ވެސް ލޮއި ލިބެއެވެ. އެލްމިނިއަމް ގިނައިން ހޯދަނީ ބާ އިންޖީންތަކުގެ މައިގަނޑުންނެވެ. ޖަސްތު ހޯދަނީ އިމްޕޯޓްކުރާ އޮމާން ޓިނުންނެވެ.

އެއް އިރެއްގައި ދ. ރިނބުދޫ އާއި ހުޅުދެލި ތިލޭރުކަމަށް މުޅި ރާއްޖެއަށް މަޝްހޫރުވެފައި ވިއެވެ. އެ ދުވަސްވަރު އެ މީހުންގެ ތިލޭރުގެތައް މާލޭގެ ގޯޅިގޯޅިން ފެނުނެވެ. އެހެން ނަމަވެސް އެއީ އެއް އިރެކެވެ. މިހާރު ތިލޭރުކަން ވަނީ ގާތްގަނޑަކަށް އުވިފައެވެ. މިހެން ވުމަށް ބައިވަރު ސަބަބުތައް މެދުވެރިވިއެވެ. ފުރަތަމަ ދިމާވި ކަމަކީ 1980 އިގެ އަހަރުތަކުގައި ޙައްޖު ގްރޫޕްތައް އުފެދި ޙައްޖަށް ދާ މީހުން އިތުރުވުމެވެ. ކޮންމެ ޙައްޖާޖީއަކު އެނބުރި އައިސް ހެދީ ސަޢޫދީ އަރަބިޔާ އިން ރީތި އަދި ފެންވަރު ރަނގަޅު ރަން ގަހަނާ ހިފައިގެންނެވެ. އެ ގަހަނާ، އެހެން ލިބެން ފެށުމުން ދިވެހީން އެއަށް އެނބުރުނީއެވެ. އަދި ސަޢޫދީ ފިހާރަތަކުން ހިންގި "ބާ ރަން އާ ރަނަށް ބަދަލުކުރުން" ފަދަ ވިޔަފާރީގެ ހީލަތްތެރި އުކުޅުތަކަށް ގިނަ ބަޔަކު ހެއްލުނީއެވެ.

ރަން ގަހަނާ އެޅުން ވެސް ހަމަ އެދުވަސްވަރުން ފެށިގެން މަދުވާން ފެށިއެވެ. އެއީ އަންހެން ކުދިން ބުރުގާ އަޅަން ފެށީމައެވެ. ބުރުގާގެ ސަބަބުން ގަހަނާ އަޅާ ހިސާބު ވަންހަނާވެ، ރަނުގެ ބޭނުން ކެނޑުނީއެވެ. ހަމަ އެދުވަސްވަރު ޘަޤާފީ ގޮތުން ދިވެހިން އަޅައި އުޅުނު ރަން ފައްޓަރުބަޔާއި އުޅަލާއި އުނަގަނޑުގައި އަޅައި އުޅުނު ރިހި ފައްޓަރު އެޅުން ވެސް މަދުވީ އެވެ. އެއާ ގުޅިގެން ތިލޭރުކަން ވެސް ދަށަށް ދިޔައީ އެވެ.

ބޭރުން ގެންނަ އެއްޗެތީގެ ސަބަބުން ކަނބުރުވެރިކަމަށް ވެސް އަސަރުކުރިއެވެ. ނަމަވެސް ދިވެހި ކަނބުރުވެރިންގެ ބައެއް އުފެއްދުން ތަކަކީ ބޭރުގައި އާއްމުކޮށް ބޭނުންކުރާ އެއްޗެއްސެއް ނޫނެވެ. މިސާލަކަށް ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ބުޅި ނެގިދާނެއެވެ. އެކަހަލަ ކަނިފަށް ނުލާ ބުޅި ބޭރަކުން މާ ފަސޭއަކުން ނުލިބެއެވެ. ވީމާ އެ ބުޅި މިހާރުވެސް ޖަހަނީ ކަނބުރުވެރިންނެވެ. ޒަމާންތަކުގެ ތެރޭގައި އެ މަސައްކަތަށް ޓަކައި އެ މީހުންނަށް މަސް ބަހާއިރު މަސްބައެއް އަޅައެވެ.

ބުޅީގެ އިތުރުން ވެސް ދޯނީގައި ބޭނުންކުރާ އެހެން ބައެއްތަކެތި ކަނބުރުވެރިން ހަދައެވެ. މިސާލަކަށް ދާވަނި ނެގިދާނެއެވެ. ދަންމާނު ބުޅިއަކީ ދޯނި ބަންނައިރު ހަރުކުރާ އެއްޗެކެވެ. ހަމަ އެގޮތަށް، ދޯނި ބަންނައިރު މަޑޫތައް ވައްތަކަށް ހަރުކުރަން ބޭނުންކުރާ ކަބީލާ ވެސް ހަދަނީ އެ މީހުންނެވެ. ދޯނިއަޅަން ގެންގުޅޭ 5 ދަތްލީ ލޮތާރި ތަޅަނީ ވެސް ކަނބުރުވެރިންނެވެ. އެހެނަސް، ބޭރު ދަތުރުކުރާ އޮޑިފަހަރާއި ބޯޓުފަހަރުގައި ބޭނުންކުރާ ދެ ދަތްލީ ބޮޑެތި ނަގިލި ރާއްޖޭގައި ހަދައި ނުއުޅެއެވެ. ދޯނި ބަންނަން ބޭނުންކުރާ މަސައްކަތު ސާމާނުގެ ބައިތައް ވެސް ކަނބުރު ވެރިން ހެދިއެވެ. އެއީ އޮޑަލާއި ފުރޯއާއި ވަޑާން ކައްޓާއި ފޮނުވަތާއި ރޮންދާ ފަދަ އެއްޗެތީގެ ތިލަ ފަދަ އެއްޗެއްސެވެ.

ފަރުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ކަންގިއްޔާއި މަޑަ ވެސް ކަނބުރުވެރިން ހަދައި އުޅުނެވެ. ކަނަގިއްޔަކީ ކުދި މަހަށް ހަރަން ގެންގުޅޭ ކަނިފަށްލީ ދަގަނޑެކެވެ. މަޑައަކީ ބޮޑެތި މަހަށް ޖަހަން ގެންގުޅޭ އެ ބާވަތުގެ އެއްޗެކެވެ. ރާވެރިން ބޭނުންކުރާ ރާވަޅީގެ ތިލައަކީ ވެސް ކަނބުރުވެރިންގެ އުފެއްދުމެކެވެ.

އޮމާން ޓިނާއި ޖަސްތުން އިހުގައި ވަރަށް ގިނަ އެއްޗެތި ހަދައި އުޅުނެވެ. އޭގެ ތެރޭގައި ދިޔަދޮތްވާއި ތިންބާއި ހިމެނުނެވެ. އަދި އެ އެއްޗެތި ހަރުކުރަން ބޭނުންކުރާ ބުޅި ވެސް ހިމެނުނެވެ. ފުޅިބައްތީގެ ތުނބާއި ތެޔޮނަގާ ބުމްބާ ވެސް ހިމެނުނެވެ. މީގެ ބައެއް އެއްޗެތީގެ ބޭނުމެއް މިހާރަކު ނުޖެހެއެވެ. އަނެއްބައި އެއްޗެތީގެ ބަދަލުގައި ބޭނުން ކުރަނީ ބޭރުން ގެންނަ ފައިބަރާއި ޕްލާސްޓިކް އެއްޗެއްސެވެ. މިހާރު މުޅިން ބޭނުންކެނޑިފައިވާ އެކައްޗަކީ ގިފިލީގައި ވަޅުޖަހާ ދަގަނޑެވެ.

ބަދިގޭގައި ބޭނުންކުރާ ގިނަ ތަކެތި ކަނބުރުވެރިން ހަދައެވެ. އޭގެތެރޭގައި ވަޅި، ކަތިވަޅިއާއި ތެލި ތާހާއި އުނދުޅިއާއި ދޭފަތް ހިމެނެއެވެ. ހުނިގޮނޑީގެ ތިލަ ވެސް ހިމެނެއެވެ. އަދި ކުރައާއި ހަވާދު ތަޅާ ވަން ވެސް ހިމެނެއެވެ. ގޭތެރޭގައި ބޭނުންކުރާ ގިނަ ތަކެތި ކަނބުރުވެރިން ހަދައި އުޅުނެވެ. އޭގެތެރޭގައި ދޮރުތަކާއި ފޮށިފޮށީގައިލާ ހުޅު ހިމެނެއެވެ. ނިޔަފަތި ކަނޑާ ކުދި ވަޅިވެސް ހިމެނެއެވެ. ފޯއްވަޅި އާއި ބިލެތްތަޅާ ވަނާއި މޯ ވެސް ހިމެނެއެވެ.

މި ޒަމާނުގައި ކަނބުރުވެރިން އައު އީޖާދުތައް ވެސް އުފައްދައެވެ. މީގެ ތެރެއިން އެންމެ ކާމިޔާބު އެކައްޗަކީ އިންޖީނު ދޯނިފަހަރުގެ ބުރަފައްޗެވެ. ދިވެހި ކަނބުރުވެރިން އުފައްދާ ބުރަފަތި ބޭރުން ގެންނަ އެއްޗެއްސަށް ވަކި ދުލެއް ނުކުރެއެވެ. މީގެ އިތުރުން އިންޖީނުގެ ޝާފްޓާއި އެހެން ބައިތައް ވެސް ކަނބުރުވެރިން ހަދައެވެ. މިގޮތުން ކަނބުރުވެރިކަމަކީ އުޖާލާ މުސްތަގުބަލެއް އޮތް މަސައްކަތެކެވެ.

ފޮޓޯތައް:
1. ބޮޑުދައްޗެއް
2. ކަނބުރު ގެއެއްގައި ހުރި ގިރުނބާއެއް
3. ކަނބުރުގޭ އުނދުން ރޯކޮށްފައި
4. ހަނޑަހުން ދޮން ދަގަނޑު ހިފައިގެން
5. މަރުތޭލައިން ދަގަނޑު ތަޅަނީ
(ހުރިހާ ފޮޓޯއެއްގެ ކްރެޑިޓް: އަޙުމަދު ޙަސަން ދީދީ)

(މިލިޔުމަށް މައުލޫމާތު ދެއްވީ އަޙުމަދު ޙަސަން ދީދީ، ޝަބްނަމްގެ، ފުވައްމުލަކުއެވެ. އޭނާ ކަނބުރުވެރިކަން ދަސްކުރެއްވީ ބައްޕައާއި ދެ ބޭބެ އަރިހުން އުމުރުން 30 އަހަރުގައެވެ. މިހާރު އެ މަސައްކަތް ކުރައްވާތާ 44 އަހަރު ވެއްޖެއެވެ.)

ހަވާލާ:
1. އޙުމަދު ޙަސަން ދީދީ، ޝަބުނަމްގެ، ފުވައްމުލަކު (2021) "އައްޗަން ކުރުން،" އިންޓަރވިއުއެއް
2. ޢަބްދުﷲ އިޤްބާލް، ދީދާރު، ކުޅުދުއްފުށި (2021) "ކނބުރުވެރިކަން،" އިންޓަރވިއުއެއް

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.