ސަގާފީ ތަރިކި ދިރުވައި އާލާކުރަން ގައުމުތަކުގެ އެއްބާރުލުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އދ. ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސްގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެފަދަ ކުޑަ ގައުމުތަކުން ކުރާ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމެސީއެއް ނޫން ކަމަށެވެ. ހަލީލު ވިދާޅުވީ އެފަދަ މަޝްވަރާތަކަކީ ވިލުންތެރިކަން އިތުރުކޮށް، ގައުމުގެ މުސްތަގުބަލަށް މުހިންމު ކަންކަން ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކައަށާއި އިޖުތިމާއީ އެއްބައިވަންތަ ކަމަށް ބުރޫއަރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވިއެވެ. ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ސަގާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެ، ރުޅިވެރިކަން އިތުރުވެ، ގުޅުންތަކަށް ނުރަނގަޅު އަސަރުތަކެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިންސާނީ ކަރާމާތް ނެގެހެއްޓޭފަދަ ބީދައަކުން، ގައުމުތަކުގެ މެދުގައި މަޝްވަރާ އިތުރު ކުރުމުގެ މަސައްކަތްތައް މަގުފަހިކޮށް ދިނުމަށް ގޮވާލާ ކަމަށް ހަލީލު ވިދާޅުވިއެވެ.