ރާއްޖެއާއި ލަންކާގެ ގުޅުންތަކުގެ ތެރެއިން "ރަހަަތަފާތު" ވާހަކައެއް ދައްކާލަމާތޯއެވެ. މިގޮތުން ބަލާއިރު، ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތުގެ އަމިއްލަ ބިންބިން ހުރިކަން މިހާރުގެ ޖީލުގެ ގިނަބަޔަކަށް އެނގޭ ބާވައެވެ. އެއީ ސިލޯނުގައި ހުރި، ދިވެހި ދައުލަތުގެ ބިންތަކުގެ ވާހަކައެވެ. މިގޮތުން ޝްހޫރު "ސޯސަންވިލާ" ހިމެނެއެވެ. މިބިމުގެ އިމާރާތާއި ގޯތި ދިވެހި ސަރުކާރަށް ބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. ބޮޑުމިނުގައި ދެއޭކަރުގެ ބިމެކެވެ. މިބިން ފުރަތަމަ ބޭނުން ކުރެވުނީ ލަންކާގައި ކިޔަވަން ފޮނުއްވާފައި ތިބި ދިވެހި ފިރިހެން ކުދިންގެ ބޯޑިން ހައުސްއެއްގެ ގޮތުގައާއި، ދައުލަތުގެ ބައެއް އިއްޒަތްތެރިން، ކުރު ދަތުރުތަކުގައި ކޮޅުނބަށް ވަޑައިގެން ތިއްބެވުމަށެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މިތަން ބޭނުންކުރެވުނީ، މޯލްޝިޕްގެ "ޝިޕް ސްޓޯރ" ގެ ނަމުގައެވެ.

ފެހިގެ، (ސިލޯނުގައި ދިވެހިރާއްޖޭގެ ހައިކޮމިޝަން ހިންގާ އިމާރާތް)

ސިލޯނުގައި މިހާރު އޮތް، ދިވެހި ދައުލަތުގެ އަނެއް ބިމަކީ، މަޝްހޫރު "ފެހިގެ" ނުވަތަ "އެވަރ ގްރީން"އެވެ. ވޯރާ ވިޔަފާރިއެއްގެ އަތުން، ދިވެހި ސަރުކާރުން މިބިން ބައްލަވައިގަތީ 1948 ވަނަ އަހަރުއެވެ. މިތާނގައި ރާއްޖޭގެ ސަފީރު އޮފީސް ހިންގެވިއެވެ. އަދި ރެސިޑެންސް ބައެެއްވެސް ހިމެނެއެވެ. ސަފީރާއި އާއިލާ ދިރިއުޅުއްވިއެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާ ވަޑައިގެން ހުންނެވުމަށް ހާއްސަ ކޮޓަރިކޮޅެއްވެސް ހިމެނެއެވެ.

ފެހިގެ، (ސިލޯނުގައި ދިވެހިރާއްޖޭގެ ހައިކޮމިޝަން ހިންގާ އިމާރާތް)

ސިލޯނުގައި ހުރި، ދިވެހި ދައުލަތުގެ ބިންބިމަކީ، އެމްބެސީ އިމާރާތް ހުރި ބިން "ފެހިގެ" (25، މެލްބޯން އެވެނިޔު، ކޮލޮމްބޯ 4) އާއި، ސޯސަންވިލާ (ޕާމަންކަޑަ، ކަވިރަތުނަ ޕްލޭސް)އެވެ. 1948 ވަނަ އަހަރު ފެހިގެ ދިވެހި ސަރުކާރުން ބައްލަވައިގަތް ދުވަސްވަރު، ފެހިގޭގެ ބިއްދޮށުގައި ހުރި އިމާރާތަކާއި ގޯތި ބައްލަވައިގަނެ، ފެހިގޭގެ ގޯއްޗާ އެއް އިން ކުރެއްވިއެވެ. އެ ތަނަށް ކިޔަނީ "ކޯޒީ ކޯނަރު"އެވެ. ވީމާ، ސިލޯނުގައި ރާއްޖޭގެ އެމްބަސީ ނުވަަތަ ހައިކޮމިޝަން ހުރި ބިމަކީ ދިވެހި ދައުލަތުގެ އަމިއްލަ ބިމެކެވެ.

ދިވެހި ސަރުކާރުން (ދިވެހި ރައްޔިތުންނަށް ކާޑުގަތުމަށް) ސިލޯނަށް ފޮނުވުނު ފައިސާއިން ސަރުކާރުގެ ވެރިޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ 1942ގައި ކެންޑީން ބަގީޗާއެއް ބައްލަވައިގެންނެވި ކަމަށް ބުނެވެއެވެ. 1944ގައި އަލްއަމީރު ޙަސަން ފަރީދު ދީދީ ނެތިވެދިއުމަށްފަހު، އެބަގީޗާ ވިއްކަވާލައްވައި އެ ފައިސާއިން ރައްޔިތުންނަށް ކާޑު ގެންނެވީ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.