ޚަބަރު

ޔާމީންގެ މަރުގެ މައްސަލައިގައި ޕީޖީ ދެއްކެވި ވާހަކަތަކަށް ކުރިމިނަލް ކޯޓުން ރައްދުދީފިި

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ނުނިމި ލަސްވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ކުރިމިނަލް ކޯޓުން ރައްދުދީފިއެވެ.

އޭޕްރިލް 23، 2017 ދުވަހުގެ ރޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދަށް، އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ/ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ/ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ/ ހަސަން ޝިފާޒުގެ އިތުރުން މ. ތާއިފް/ އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދާލެއް ލަސްވާ މައްސަލައިގައި، ޖުޑިޝަރީ ކޮމިޓީއަށް އިއްޔެ ހާޒިރުކުރުމުން އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އެ މައްސަލަ މިހާރު އޮތީ އަޑުއެހުންތައް ނިންމާލުމަށްފަހު އެންމެފަހު މަރުހަލާގައި ކަމަށެވެ. އަދި ކަންކުރަން އުޅެފިނަމަ ދެ ދުވަސްތެރޭގައި މައްސަލަ ކުރިމިނަލް ކޯޓަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދުދީ ކުރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރީއަތުގެ އިޖުރާއަތުތަކަކީ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިންގަންޖެހޭ އިޖުރާއަތުތަކެއް ކަމަށާއި އެހެން ނޫންނަމަ އެއީ އިސްތިއުނާފު ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

އަދި ކޯޓުން މަސައްކަތް ކޮށްފައި ވަނީ އަދި ކުރަމުން ދަނީ އަދި ކުރާނީވެސް ގާނޫނުތަކާއި ގަވާއިދުތަކުގައި ޝަރީއަތް ހިންގުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން އަޑުއެހުން ކުރިއަށް ގެންދިއުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ، މަރުތަކާ ބެހޭ ކޮމިޝަންގެ ސިޓީއަކާ އެކު އެ މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދުނު ކަމަށް ޕީޖީ ވިދާޅުވިޔަސް، އެފަދަ އެއްވެސް ސިޓީއެއް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މައްސަލަ އަވަސްކޮށްދޭން އެދި ޕީޖީން ސިޓީ ފޮނުވާފައި ވަނީ މިމަހު ކުރީކޮޅު އަދި އިއްޔެގެ ވަގުތެއްގައި ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއްވީ ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ ބަޔަކު ކޯޓަށް ހާޒިރުކޮށްގެން ހިންގާ ޝަރީއަތްތައް މަދުކުރަން ޖެހިފައިވުމުންނާއި މައްސަލައިގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒު ކޮށްފައިވާތީ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ޖަލުތަކުން ކޯޓަށް މީހުން ހާޒިރުކޮށްދިނުން މެދުކަނޑާލުމާއި ގުޅިގެންވެސް އަޑުއެހުންތައް ލަސްވެފައިވާ ކަމަށް ބުންޏެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ތާވަލެއް އެކުލަވާލާފައި ނުވާ ކަމަށް ޕީޖީ ވިދާޅުވި ވާހަކައަށްވެސް ކުރިމިނަލް ކޯޓުން ވަނީ ރައްދު ދީފައެވެ.

އެ ކޯޓުން ނެރުނު ބަޔާނުގައި ބުނީ، މައްސަލަ ކުރިއަށް ގެންދަނީ ތާވަލެއް އެކުލަވާލައިގެން ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން މަހަށް ޗިޓު ތައްޔާރުކޮށް، ޕީޖީއަށާއި ދައުވާ ލިބޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް ކުރިއަށްދާ ނަމަ، އަންނަ ޑިސެމްބަރު މަހު އެ މައްސަލައިގައި ހުކުމް ކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.