ކުޅިވަރު

ޔުނައިޓެޑަށް އެނބުރި ދިއުން ރޮނާލްޑޯ ހާއްސަކުރީ ފާގަސަންއަށް

ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާ އަލުން ގުޅުނުކަން ރަސްމީކޮށް މިއަދު ވަނީ އިއުލާން ކޮށްފައެވެ. ކުލަބުންވެސް ރޮނާލްޑޯ އިއުލާން ކޮށްފައިވާ އިރު، ރޮނާލްޑޯ ވަނީ ޓްރާންސްފާއާއި ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފައެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓުގައި ޔުނައިޓެޑަށް އަބަދުވެސް އޮންނަ ލޯތްބާއި އިހުތިރާމުގެ ވާހަކަ ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. އަސަރުގަދަ މެސެޖުގެ އެންމެ ފަހަތުގައި ބުނެފައި ވަނީ "ޓްރާންސްފާ ހާއްސަ ކުރީ ސާ އެލެކްސް ފާގަސަން" އަށް ކަމަށެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ އެނބުރި އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށް ދާން އެއްބަސްވެފައި ވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. ރޮނާލްޑޯގެ ކެރިއަރުގައި ޕްރައިމްއަށް އަރައިގެން ދިޔަ ކުލަބް، ޔުނައިޓެޑަކީ އަބަދުވެސް ރޮނާލްޑޯއަށް ހާއްސަ ކުލަބެކެވެ. މި ޓްރާންސްފާ ސީޒަނުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމި ހިސާބުން އޭނާ ގެންދަން އެންމެ ގާތުން މަސައްކަތް ކުރީ މެންޗެސްޓާ ސިޓީން ނަމަވެސް، ހުރިހާ ކަމެއް ނިމިފައިވާ ކަހަލަ ގޮތަކަށް އޮއްވައި ޔުނައިޓެޑުން ވަނީ ޓްރާންސްފާގެ ތެރެއަށް ވަދެފައެވެ.

ކުއްލިއަކަށް އޮއިވަރު ބަދަލު ކޮށްލައި ރޮނާލްޑޯ ޔުނައިޓެޑާ ދިމާއަށް މިސްރާބު ޖެހީ ގިނަ ބައެއްގެ ނުފޫޒުންނެވެ. އޭގެ ތެރެއިންވެސް އެންމެ ހާއްސަ މީހަކީ ރޮނާލްޑޯ "ދަރިއެއް" ފަދައިން ގެންގުޅުނު ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު ފާގަސަންއެވެ. ރޮނާލްޑޯ ކެރިއަރުގައި އެންމެ މުހިންމު އެކަކު ކަމުގައި އަބަދުވެސް ބަލަމުން އަންނަ ފާގަސަންގެ ފޯން ކޯލަކުން މުޅި ޓްރާންސްފާ ބަދަލުވެގެން ދިޔަ ކަމަށް ނޫސްތަކުންވެސް ބުނެފައިވާ އިރު، އެ ފޯން ކޯލަކީ ހަގީގަތެއްކަން ރޮނާލްޑޯ ކުރި ޕޯސްޓަށް ބަލައި، ނިންމިދާނެއެވެ.

ރޮނާލްޑޯ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ ޔުނައިޓެޑަށް އޮތް ލޯތްބަކީ ނިމުމެއް ނުވާނެ ލޯތްބެއް ކަމަށާއި އެ ހަނދާންތަކީ އަބަދުވެސް އޭނާއަށް ރަން ހަނދާންތަކެއް ކަމަށެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑަށް އެނބުރި ދިއުމުން ކުރެވޭ އިހުސާސް ބަޔާންވެސް ކޮށްދޭން ނޭނގޭ ކަމަށްވެސް ރޮނާލްޑޯ ބުނެފައިވާ އިރު، އޭނާ ބުނެފައި ވަނީ އެނބުރި ޔުނައިޓެޑަށް ދިއުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

ސަޕޯޓަރުން ދޭ ހާއްސަ ލޯތްބަށްވެސް ރޮނާލްޑޯގެ ޕޯސްޓުގައި އަލިއަޅުވާލާފައިވާ އިރު، އޭނާ ވަނީ ފުރަތަމަ ޑޮމެސްޓިކް ލީގު ތައްޓާއި ފުރަތަމަ ކަޕު ތައްޓާއި ގައުމީ ޓީމަށް ފުރަތަމަ ނެގުމާއި ފުރަތަމަ ރަން ބޫޓާއި ފުރަތަމަ ބެލޮންޑިއާގެ އިތުރުން ފުރަތަމަ ޗެމްޕިއަންސް ލީގުގެ ހަނދާންތައްވެސް ގުޅިފައި ވަނީ ޔުނައިޓެޑާ ކަމަށް ބުނެފައެވެ.

ރޮނާލްޑޯގެ މެސެޖުގެ ފަހު ބަސްތަކަށް ބުނެފައި ވަނީ އޭނާ ހުރީ ހައްގުވާ ތަނުގައި ކަމަށާއި އަނެއްކާވެސް ތާރީހު ލިޔެލާނެ ކަމަށް ޔަގީންކަން ދޭ ކަމަށެވެ. އަދި އެންމެފަހު ބަހަކަށް ލިޔެފައި ވަނީ "ޕީއެސް، ސާ އެލެކްސް، ދިސް ވަން އިސް ފޫ ޔޫ..." މިހެންނެވެ.