ހދ.ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އަޕްޑޭޓް ދީފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ، ހދ.ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުން ވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ހިރިމަރަދުއަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުން ހިމެނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުންވެސް ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީ އިން އިތުރަށް ބުނީ، 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމުގެ އިތުރުން ނަރުދަމާގެ އިދާރީ ބިލްޑިންގް އިމާރާތް ކުރުމާއި އަދި 3 ޕަންޕިންގް ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމުކުރުންވެސް މި މަަޝްރޫއުގެ ދަށުން ހިމެނޭ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމާއި ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ޖުމުލަ 69,140,251.04 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.