ރައްޔިތުން ގޮވައިގެން މަގުމައްޗަށް ނުނިކުންނަނީސް، ވެށިފައި މާލޭ ޕްރޮގްރާމްގެ ދަށުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދި ވަޑައިގެންފިއެވެ.

ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ލިބިފައިވާ ކުދި ބިންކޮޅު ދޫކޮށްލާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

އެ ވައުދުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ހިމަނާފައިވާ ވައުދުފުޅެއް ކަމަށާއި، އެހެންކަމުން އެ ވައުދު ފުއްދަވައިދެއްވަން ޖެހިވަޑައގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުދި ތަންތަންކޮޅުގައި ތޮއްްޖެހިގެން މާލޭ ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅެމުންދާ ކަމަށެވެ.

"ތޮއްޖެހިފައި ހުރި ހުސް ބިންކޮޅުތައް ދޫކޮށްލީމާ ގޯތި ދޭން ވެފައިވާ ވައުދު ރައީސުލްޖުމްހޫރިްޔާ ފުއްދަވާށޭ ރައީސުލްޖުމްހޫރިއްޔާގެ ވެބްސައިޓުގައި ވެސް އެބައޮތޭ، ތޮއްޖެހިފައިވާ ގޯތިތައް ފޮތިކުރަމުން ފޮތިކުރަމުން ގޮސް މާމަ އިށީނދެގެން އިން ކޮޅުފިލާގޮނޑިވެސް ބަހާލައިގެން ތިބި ގޭގޭގެ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދާށޭ، ރައީސުލްޖުމްހޫރިއްޔާއޭ އާދޭހާއެކުއޭ މިދަންނަވަނީ މިވައުދު ފުއްދަދެއްވަށޭ ރައީސްގެ ވެބްސައިޓްގައިވެއް އެބޯތޭ، ރައްޔިތުން ގޮވައިގެން އަޅުގަނޑުމެން ނުނިކުންނަނީސް މިކަންތައް ކޮށްދެއްވާށޭ މާލޭގެ ނެތޭ މިހާރު ވޯޓުދޭނެ ބަޔަކު ވެސް،" ބޮންޑޭ ވިދާޅުވިއެވެ.