ސިފައިންގެ އެންމެފަހު މީހާއާ އެކު، ކަނޑައެޅި ސުންގަޑިއަށް އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިފި އެވެ.
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އަފްގާނިސްތާނުގައި ނިރުބަވެރިކަމާއި ދެކޮޅަށް އެމެރިކާއިން ހިންގި އޮޕަރޭޝަންގައި އެމެރިކާ ސިފައިން ވަނީ ހަރަކާތްތެރިވަމުން އައިސްފައެވެ.
އަފްގާނުގައި ފާއިތުވި 20 އަހަރު ދުވަހު ހިންގަމުން އައި މި އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެނެސް އެންމެފަހު ސިފައިންގެ އޮފިސަރު އިއްޔެ ވަނީ އެގައުމުން ފައިބައިފައެވެ. މި އޮޕަރޭޝަން ނިމުމަކަށް އައިސްފައިވަނީ ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ގޮސްފައި ވަނިކޮށެވެ.
އަފްގާނިސްތާނުން އެންމެ ފަހުން ނައްޓާލި އަސްކަރީ މަތިންދާބޯޓުގައި ދަތުރުކުރި 82 ވަނަ އެއާބޯން ޑިވިޒަންގެ ކޮމާންޑަރު މޭޖާ ޖެނެރަލް ކްރިސް ޑޮނަހިއު އަކީ އެންމެފަހުން އެފަސްގަނޑުން ފޭބި އެމެރިކާ ސިފައިންގެ އޮފިސަރެވެ.
ކާބުލް އެއާޕޯޓުން ނައްޓާލި މި ފުލައިޓުގައި އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ރޮސް ވިލްސަންވެސް ވަނީ އެނބުރި އެމެރިކާއަށް ދަތުރުކޮށްފައެވެ. އެމެރިކާއިން އެންމެ ދިގު މުއްދަތެއްވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް، އޮޕަރޭޝަން އިއްޔެގެ ނިޔަލަށް ހުއްޓާލާފައިވާއިރު މިހާތަނަށް މިއޮޕަރޭޝަންގައި 2400 އެމެރިކާ ސިފައިން ވަނީ މަރުވެފައެވެ.
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އަފްގާނުގައި ހިންގި އޮޕަރޭޝަންގައި ތާލިބާނުން ވަނީ އެގައުމުން ބޭރުކޮށްފައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އެގައުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގައުމު އާރާސްތު ކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީ، އަފްގާނިސްތާނު ސިފައިންނަށް އަސްކަރީ ތަމްރީނުތައް ދެމުން އައިސްފައެވެ.
ނަމަވެސް މިމަހުގެ 15 ވަނަ ދުވަހު އަނެއްކާވެސް ތާލިބާނުންގެ އަތްމައްޗަށް އެގައުމު ގޮސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު އެޖަމާއަތާއި އެމެރިކާއާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު މުއްދަތަށް އެމެރިކާ ސިފައިން އެގައުމުން ބޭލުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.
ތާލިބާނުން އެއްވެސް ހަމަލާއެއް އަފްގާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާއަށް ނުދޭ ގޮތަށް އެއްބަސްވެފައިވަނީ 31 އޯގަސްޓް 2021 ގެ ނިޔަލަށް އެމެރިކާ ސިފައިން އެގައުމުން ބޭލުމަށް އެމެރިކާއިން އެއްބަސްވާ ގޮތުގެ މަތިންނެވެ.
އަފްގާނިސްތާނުގައި އެމެރިކާއިން ހިންގަމުން އައި އޮޕަރޭޝަން ނިމުމަކަށް ގެނެސްފައިވާ ކަން އެމެރިކާއިން އިއުލާނު ކޮށްފައިވާއިރު، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން ވިދާޅުވެފައި ވަނީ އދ އާއި އެހެނިހެން އެންޖީއޯ ތަކުގެ އެހީގައި އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
އެމެރިކާ ސިފައިން އެގައުމުން ފައިބާން ނިންމިކަން އެމެރިކާއިން ހާމަކޮށްފައިވާއިރު ތާލިބާނުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ތާލިބާނުގެ ތަރުޖަމާނު ޒާބިހުއްﷲ މުޖާހިދު ބުނެފައިވަނީ އެމެރިކާގެ އެންމެފަހުގެ ސިފައިންގެ އޮފިސަރު އަފްގާނިސްތާނު ގަޑިން ރޭ 9.00 ގައި ފައިބާފައިވާ ކަމަށެވެ. އަދި އެކަމާ އުފާ ފާޅުކޮށް އަފްގާނިސްތާނަށް މިނިވަންކަން ލިބިއްޖެ ކަމަށް އެޖަމާއަތުން ވަނީ އިއުލާނު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ