އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މުހައްމަދު އާސިފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވީ މީގެ ކުރީން އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އިސްތިއުފާ ދެއްވުމުންނެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލުމުން ކުރިމަތި ލެއްވި ފަސް ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސަތަކުގެ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، އާސިފް އީސީގެ މެންބަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން އާސިފްގެ ނަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.