ޚަބަރު

ރަސްފަރީ ފަރަށް ބޯޓު އުރުނު މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ގޮވާލައި ކުއްލި މައްސަލަ ހުށަހަޅައިފި

އިބްރާހިމް ޒަކީ

އިންޑިއާގެ ޓުޓިކޮރިން ބަަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ އާގު ބޯޓެއް، މާލެ އަތޮޅު ރަސްފަރީ ފަރަށް އުރުނު މައްސަލަ ތަހުގީގު ކޮށް އެ މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށއިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާިރާގެ މެންބަރު މުހައްމަދު ރާއީއެވެ.

މައްސަލަ ހުށަހަޅުއްވަމުން ރާއީ ވިދާޅުވީ، އިންޑިއާގެ ޓުޓިކޮރިން ބަަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުންދިޔަ ޕެނަމާގެ ބިޔަ އާގު ބޯޓެއް ކަމަށްވާ ނެވިއޯހަމަރީޑިސް މިމަހު 17 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ރަސްފަރީ ފަރުގެ 12 ނޯޓިކަލް މޭރު ދުރުގައި އޮއްވައި، އިންޖީނު ހުއްޓިގެން އެރަށު ފަރަށް އެރީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް އެ ބޯޓު ފަރަށް އެރިޔަ ނުދިނުމަށް އެ ބޯޓުގެ ކެޕްޓަން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، އެހާދިސާއާ ބެހޭ މައުލޫމާތު ކޯސްޓްގާޑާއި ކަމާބެހޭ އެއްވެސް އިދާރާއަކަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރަސްފަރީ ފަރަށް މި ބޯޓު އަރާފައި ވާއިރު ރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކަށް އެ ހާދިސާ ހިނގާފައިވާ ކަން ނޭނގި އޮތް އޮތުމުގެ ސަބަބުން އެ ސަރަަހައްދުގެ ތިމާވެށި ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

އެހެންކަމުން އެ ހާދިސާ ގެ ސަބަބުން ގައުމުގެ ސަލާމަތަށް ވެސް ނުރައްކާތަކެއް އޮތުމުން އެއީ ކިހިނެއް، ކޮންގޮތަކަށް ހިނގާފައިވާ ހާދިސާއެއްތޯ އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކާ ފިޔަވަޅު އަޅައި އެފަދަ ހާދިސާއެއް ދެން ހިނގިޔަ ނުދިނުމަށް އަޅާން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްވެސް މި ކުއްލި މައްސަލައިގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.