ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުގައި އެކްޒެކެޓިވް ލައުންޖުތަކެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އާ ސީޕްލޭން ޓާމިނަލް އިމާރާތުގައި، އެކްޒެކެޓިވް ލައުންޖުތަކެއް ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން، ލައުންޖު ގޮޅިތައް ކާމިޔާބު ކުރާ ފަރާތްތަކުން އެ ގޮޅިތައް ހިންގަން ޖެހޭނީ އެ ކުންފުނިން ދޭ އިރުޝާދުތަކާއި އެއްގޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައިގެން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅާން ވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު، ސީޕްލޭން އަދި ޓުއޯ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންޖެހެ އެވެ.
ލައުންޖު ހިންގުމަށް ކުއްޔަށް ހިފާ ކޮންމެ ސަރަހައްދަކަށް ބިޑު ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެއާ އެއްވަރަށް ދިވެހި ރުފިޔާ ހުށަހަޅާން ޖެހެ އެވެ. މި މަަސައްކަތް ކުރަން ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ކުރިންނެވެ.
ޗައިނާގެ ޗައިނީސް ކޮންޓްރެކްޓާ ބައިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ހިންގާ ސަރަހއްދުތައް ނިންމއި އެމްއޭސީއެލް އާ ހަވާލު ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާފައިވާ އާ ޓާމިނަލުން އެއްފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އަދި އެ އަދަދު 100 އަށް އިތުރުކުރެވޭނެ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި