އެއީ މިހާރު ޓްރެންޑެކެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ މީހުން ހިތްހަމަޖެހުމަކަަށް ކޮށް އުޅޭ ކަމެކެވެ. ގޭގައި މަސް ފެންގަނޑެއް ނެތް ނަމަ ގެއަށް އާރޯކަން ލިބޭ ކަމަކަށް ނުވެއެވެ. ގޭގެ މަލަމައްޗަށް ޗާލު މަސްފެންގަނޑުތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރެދަން ކުލަ އަރާ މަސްމަހާއި އެކި ބާވަތްތަކުގެ އެކިކުލައިގެ މަސްތައް ފެންގަނޑުގެ ތެރޭގައި ދުވެ އުޅޭ މަންޒަރު ބަލައިލަން ކިތަންމެހާވެސް ހިތްގައިމެވެ. މަސް ފެންގަނޑުގެ ތެރެއަށް ފައްްތާފައި ހުންނަ ގަސްގަހާއި ފެންގަނޑުގެ އަރިމަތީގައި ޖަހާފައި ހުންނަ ގާތަކާއި ގަސްގަހުގެ ބުޑުތަކާއި ގޮފިތަކުން އެ ފެންގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ރަށްފުށުގައި އާންމުކޮށް މަސްފެންގަނޑު ހަދާފައި ހުންނަނީ ބިމުގެ ފަސްގަނޑާ އެއް ހަމައެއްގައެއްގަ އެވެ. ނުވަތަ އެއަށް ވުރެ ފޫޓެއްހާ އުހުގަ އެވެ. މަސްފެންގަނޑު އޮންނާނީ މަތި ބަންދު ނުކޮށް، މަސްފެންގަނޑަށް ކޮންމެ ވަގުތަކުވެސް އަތްލެވޭ ގޮތަށް ހާމައަށެވެ. އެކި ސައިޒުތަކަށް މަސްފެންގަނޑު ހަދައި އުޅޭއިރު އާންމު ގޮތެއްގައި މަސްފެންގަނޑުތަކުގެ ފުޅާމިން އުޅެނީ ހަތަރު ފޫޓާއި 7 ފޫޓާއި ދެމެދު އެވެ. ފުން މިނުގައި ފޫޓަކުން ފެށިގެން ގޮސް ހަތަރު ފޫޓާ ހަމަޔަށްވެސް ހުރެއެވެ. ގިނަ ގެތަކުގައި މަސްފެންގަނޑު ހަދާފައި ހުންނާނީ ގޭގެ ދޮރާށި ކައިރީގައި ނުވަތަ ދޮރާށީގެ ކޮންމެވެސް އެއްފަރާތެއްގައި އެންމެ ފަސޭހައިން ލޮލުގައި އަޅައިގަންނަ ގޮތަށެވެ.

މަސްފެންގަނޑުތައް ބަލައިލަން ކިތަންމެ ރީއްޗަސް މަދުން ނަމަވެސް އެ ފެންގަނޑުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ތުއްތު އެތައް ކުއްޖެއްގެ ފުރާނަ ގެއްލި ބައެއް ކުދިންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައި އެބަހުއްޓެވެ. އެގޮތުން މިދާކަށް ދުވަހުވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. އދ. އޮމަދޫ ގެއެއްގައި ހަދާފައި އޮތް މަސްފެންގަނޑަކަށް ވެއްޓި މި ދުނިޔެއާ ވަކިވީ އެންމެ 11 މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ، ކުއްޖާގެ މަންމައަށް ނިދި ޖެހުނު ވަގުތުގައެވެ. ނުވެސް އެނގި ހުއްޓާ ވަކިވެގެން އެދިޔައީ އެ މަންމަގެ ލޮލުގެ ކޮއި ފަދަ ލޯބިވާ ދަރިފުޅެވެ.

އޭގެ ކުރިއަށް ޖެހިލާ ނަމަ 2019 ވަނަ އަހަރުގެ ތެރޭގައި ލ. ގަމުގައި ހުރި ގެއެއްގެ މަސްފެންގަނޑަކަށް ދެ އަހަރުގެ ކުއްޖަކު ވެއްޓި ހާލު ސީރިއަސްވެފައި ވެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ހަމަ ގަމުގައި އެފަދަ ދެވަނަ ހާދިސާއެއް ހިނގާފައިވެ އެވެ. އެފަހަރު މަސްފެންގަނޑަކަށް ވެއްޓުނީ 14 މަހުގެ ފިރިހެން ކުއްޖެކެވެ. އެ ދެކުދިންނަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދޭން ޖެހުނެވެ. އެ ދެކުދިންގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. އޭގެ ތެރެއިން ދެ އަހަރުގެ ކުއްޖާއަށް ރާއްޖެއިން ބޭރުން ފަރުވާ ކުރިއިރު 14 މަހުގެ ކުއްޖާ ވެންޓިލޭޓަރަށް ވެސް ލާން ޖެހުނެވެ. މީގެ ކުރިންވެސް އެފަދަ އެތައް ހާދިސާއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި އެބަހުއްޓެވެ.

މަސްފެންގަނޑުގެ ސަބަބުން ދޭތެރެ ދޭތެރެއިން މިފަދަ ހިތާމަވެރި ހާދިސާތައް ކުރިމަތިވާއިރު، މަސްފެންގަނޑުތައް ހަދާ ފަރާތްތަކުން އިތުރަށް ސަމާލުވުން ބުއްދިވެރި އެވެ. އެގޮތުން ތުއްތު ކުދިންނަށް މަސްފެންގަނޑަށް ނޭރެވޭ ވަރަށް ނުވަތަ އަތް ނުލެވޭ ވަރަށް މަސްފެންގަނޑުގެ އަރިމަތީ ފާރު އުސްކުރުމާއި މަސްފެންގަނޑުގެ މަތީގައި ދާ ޖެހުން ނުވަތަ މައްޗެއް ކަހަލަގެ އެެއްޗެއް ޖަހައި ނިވާ ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ކުޑަކުދިން އުޅޭ ގެއެއްގައި މަސްފެންގަނޑެއް އޮންނަ ނަމަ އެކުދީންގެ ހަރަކާތްތަކާ މެދު އިތުރަށް ފާރަވެރި ވާން ޖެހޭނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި މަސްފެންގަނޑުތަކުގެ ސަބަބުން ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ގަވައިދެއް ހެދުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތައް ގުޅިގެން މިފަދަ ގަވައިދެއް ހަދައި ތަންފީޒުކުރުމަކީ މިހާރުން މިހާރަށްވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެފަދަ މީހުން ގަބޫލު ކުރެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.