ފެން ޕްލާންޓުގެ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާތީ މާދަމާގެ ބައެއް ގަޑިތަކުގައި ހިޔާ ފުލެޓުތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ހިޔާ ފުލެޓުތަކުން ބައެއް ގަޑިތަކުގައި ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ.
އެގޮތުން މާދަމާ ހެނދުނު 7:00 އިން 11:00 އަށް ޓަވަރު ނުވަޔަކުން ޓަވަރު 16 އަށް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެއެވެ. އަދި މެންދުރުފަހު 1:30 އިން ހަވީރު 5:00 އަށް ޓަވަރު އެކަކުން ޓަވަރު އަށަކަށް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެއެވެ.
ހިޔާ ފުލެޓުތަކުގެ ފެނުގެ މަސައްކަތެއް ކުރުމަށް ބައެއް ފުލެޓުތަކުން އިއްޔެވެސް ވަނީ ފެނުގެ ހިދުމަތް މެދުކަނޑާލައިފައެވެ. އަދި އެކަމާ ގުޅިގެން އިއްޔެ ވަނީ ފުލެޓް އެއްބަސްވުމުގައި ސޮއިކުރުންވެސް މެދުކަނޑާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު