އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އަވޭގައި ވުލްވްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިރޭ ކުޅުނު މެޗު ޔުނައިޓެޑުން 1-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމަކީ މިހާރު ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ބަލިނުވެ އެންމެ ގިނަ އަވޭ މެޗު ހަމަކުރި ޓީމެވެ. ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅެފައިވާ 28 އަވޭ މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ 2003 ވަނަ އަހަރާއި 2004 ވަނަ އަަހަރުގެ ސީޒަންގައި 27 އަވޭ މެޗުން ބަލިނުވެ ހިފެހެއްޓި އާސެނަލް އަތުގައެވެ.

ޔުނައިޓެޑް ސަޕޯޓަރުންނަށް މިރޭ އޮތީ މާ ކުރިންވެސް ހާއްސަވެފައެވެ. މި ހަފުތާ ތެރޭގައި ކުލަބު ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެ ކުލަބަށް އަންނަން އެއްބަސްވެފައި އޮތުމުން މިރޭގެ މެޗުގައި އެ އުފާވެރިކަން ސަޕޯޓަރުން ފަރާތުން ފެނިގެން ދިޔައެވެ.

މެޗުގެ ދެ ގަޑިއިރު ކުރިންވެސް ވުލްވްސްގެ ދަނޑު ކައިރީގައި ސަޕޯޓަރުން ދިޔައީ ރޮނާލްޑޯގެ ނަން ގުގުމަމުންނެވެ. ކާޑު ބޯޑުން ރޮނާލްޑޯގެ ފޮޓޯތައް ހަދައިގެން ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނީ ރޮނާލްޑޯގެ ކުރީގެ ޖާޒީތަކުގައެވެ. އޭގެ އިތުރުންވެސް މެޗު ކުޅެމުންދިޔަ ވަގުތު ރޮނާލްޑޯގެ ނަން ޗޭންޓެއްގެ ގޮތުގައިވެސް ޔުނައިޓެޑު ސަޕޯޓަރުން ވަނީ ބޭނުންކޮށްފައެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އެނބުރި އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށް އަންނަން އެއްބަސްވެފައިވީ ނަމަވެސް، ބެލެވޭ ގޮތުގައި އޭނާ ކުލަބުގެ ތަމްރީނުތަކާ ގުޅޭނީ އިންޓަނޭޝަނަލް ބްރޭކަށް ފަހުގައެވެ.

ޔުނައިޓެޑުން އަލަށް މި ސީޒަނަށް ގެންދިޔަ ރަފޭލް ވަރާންއާއި ޖޭޑަން ސާންޗޯ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނެރެފައިވެއެވެ. އެއީ ދެ ކުޅުންތެރިންވެސް ލީގު މެޗެއްގައި ފުރަތަމަ 11 އިން ފެނުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން މިރޭގެ މެޗުގެ ދެވަނަ ހާފުގައި އެޑިސަން ކަވާނީވެސް ވަނީ ކުޅެން ނުކުމެފައެވެ. އެއީ މި ސީޒަނުގައި ކަވާނީ ކުޅުނު ފުރަތަމަ މެޗުވެސްމެއެވެ.

މެޗުގެ ބޮޑު ބައިގައި ގޯލަކާ ގާތް ކުރީ ވުލްވްސް އިންނެވެ. ފުރަތަމަ ހާފުގައިވެސް ވުލްވްސްގެ އަޑަމާ ޓްރެއޯރޭ ހިފަހައްޓަން ޔުނައިޓެޑަށް އުނދަގޫތައް ކުރިމަތިވެފައިވާ ޓްރެންކާއޯއާއި ހިމެނޭޒްގެ ހަމަލާތައް ފާހަގަކުރެވުނެވެ. އެ ހަމަލާތައް މަތަކުރީ ޑޭވިޑް ޑެހެއާއެވެ. ދެވަނަ ހާފަށް ނުކުމެވެސް ފްރޮންޓް ފުޓުގައި ބޮޑުބައި ކުޅުނީ ވުލްވްސްއިންނެވެ. ހާއްސަކޮށް އެޓޭކުގައި މުޅިން ހުސް ފުރުސަތުތަކެއް ސައިސްއާއި ޓްރެންކާއޯ އަށްވެސް ލިބި ބޭކާރުވިއެވެ.

ޓްރެންކާއޯއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތު އޭނާއަށް ގޯލާ އަމާޒުކޮށް ނުލެވުނު އިރު، ކޯނަރަކުން ސައިސްއަށް ލިބުނު ހުސް ފުރުސަތުގައި ގޯލް ރޮނގާ ފޫޓެއްހާ ގާތުން ފޮނުވާލި ބާރު ހަމަލާ ހުށިޔާރުކަމާ އެކު މަތަކުރީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

ޔުނައިޓެޑުން ޕޮގްބާގެ ބޯޅަތަކުން އެޓޭކް އުފައްދަން މަސައްކަތް ކުރި ނަމަވެސް އެދެވޭ ފުރުސަތެއް ހޯދުނީ މަދު ފަހަރަކުއެވެ. އެޓީމުން ކެތްތެރިކަމާ އެކު ޑިފެންސްކޮށް މެޗުގައި ގޯލު ޖެހީ 80 ވަނަ މިނެޓުގައެވެ. އަރިމަތިން މޭސަން ގްރީންވުޑް ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ވުލްވްސް ގޯލްކީޕަރު އަތުގައި ޖެހިފައެވެ. އެއީ ސީޒަންގައި ގްރީންވުޑް ޖެހި ތިންވަނަ ގޯލެވެ.

ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއިން ކުޅުނު މެޗުން އެޓީމު ވަނީ 1-0ގެ ނަތީޖާއަކުން ވަޓްފޯޑު ބަލިކޮށްފައެވެ. ތިން މެޗުން ތިން ކްލީންޝީޓާއި ތިން މޮޅު ހޯދައި، ޓޮޓެންހަމް މިވަގުތު އޮތީ އެއްވަނައިގައެވެ. އަންނަ ހަފުތާ ލީގުގެ މެޗުތައް ނޯންނާނެއެވެ. އެއީ ފީފާގެ އިންޓަނޭޝަނަލް ބްރޭކެވެ.