ލާމަރުކަޒީ ނިޒާމް

ބިން ވިއްކުމުގެ ބާރާއި ފަޅުރަށްތަކާ އެކު ކައުންސިލްތަކަށް ތާރީހީ ބާރުތަކެއް! ހިންގުން ހަރުދަނާވާން ޖެހޭ

އިބްރާހިމް ޒަކީ

ނޫ ގާނޫނުއަސާސީން ފެހި ގާނޫނުއަސާސީ އަށް ނަގުލުވާން ޖެހުނު އެންމެ ބޮޑު އެއް ބޭނުމަކީ، މާލެ އަށް ޖަމާ ވެފައިވާ ބާރުތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތަކާއި ރަށްތަކަށް ދިނުމެވެ.

އެކަމަށް ޓަކައި ލާމަރުކަޒީ ގާނޫނެއް އުފައްދައި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް އުފެއްދި ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް އެ މަގުސަދު ހާސިލު ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ، ލާމަރުކަޒީގެ ނަމުގައި ވެރިކަމުގެ ނުފޫޒާއި ބާރު ކައުންސިލުތަކަށް ފޯރުވަމުންދިޔަ ތަނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، ލާމަރުކަޒީ ނިޒާމަކީ އޭގެ ހަގީގީ މާނައިގައި ހިނގާ ފުރިހަމަ ނިޒާމެއްގެ ގޮތުގައި ހެއްދެވުމުގެ ވައުދު ފުޅާއެކުގައެވެ. އެ ވައުދު ފުޅާއެކު، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ގާނޫނުއަސާސީ އަށާއި، ލާމަރުކަޒީ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނެސް ސަރުކާރުން ވަނީ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލައިފައެވެ.

އެއަށްފަހު ދެން ހުރި އެހެނިހެން ގާނޫނުތަކުން ކައުންސިލު ތަކަށް ދޭން ޖެހޭ އިތުރު ބާރުތައް ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން ކައުންސިލްތަކަށް ބިން ވިއްކުމުގެ ބާރު ދިނުމަށް، ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި، ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުސިލްތަކަށް ދިނުމުގެ ގޮތުން ފަޅު ރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނަށް ހުށަހަޅާފައިވާ ބިލު ފާހަގަކޮށްލެވެއެވެ.

ކައުންސިލްތަަކަށް ބިން ވިއްކުމުގެ ބާރުދިނުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު:

ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ) އަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ހަމަ އެބިން ލިބޭ ފަރާތުން، އެބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުން ނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލު ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ކުއްޔަށް ދީ، ބިމާބެހޭ އެހެނިހެން މުއާމަލާތްތައް ކުރަން ވާނީ ގާނޫނާއި ގަވާއިދު ތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭން ވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތް ވާ ގޮތުގެ މަތިން ކަމަށްވެސް ބިލުގައި ވެއެވެ. އެހެންކަމުން މި ބިލުން ކައުންސިލްތަކަށް ލިބިފައިވާ އަމިއްލަ ވަންތަ ކަން އިތުރުވެ، އިގްސޯދީ މިނިވަންކަން ވެސް އިތުރު ވެގެންދާނެ އެވެ.

ފަޅު ރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލުތަކަށް ދިނުމަށް ހުށަހަޅާފައިވާ އިސްލާހު:

ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ މި ބިލުގެ (ށ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށެވެ.

ނަމަވެސް އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން މި މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަޅު ރަށްރަށް ފިޔަވައި އެނޫން ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ ގަވާއިދުގައިވާ ގޮތުގެ މަތިން ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީން ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގެ ހަތްވަނަ މާއްދާގައި ބުނެފައި ވަނީ ވަރުވާއަށް ލިޔެދީފައިވާ ފަޅު ރަށަކުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ގަވާއިދުގައިވާ ގޮތުގެ މަތީން އަދި، ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގޮތުން އަމަލުކުރާ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

އެ މާއްދާގައި މިހާރު އޮންނަނީ އެފަދަ ރަށްރަށުން ލަކުޑި ކަނޑަން ވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޭ ލަކުޑި ސިޓީއަކަށް، އަތޮޅު ކައުންސިލުން ފޮނުވާ މީހަކާއި އެ ރަށެއް ލިޔުއްވައިގެން އުޅޭ ނުވަތަ ހަވާލުވެގެން ހުރި ފަރާތެއްގެ ނުވަތަ އެ ފަރާތުން ފޮނުވާ މީހެއްގެ ހާޒިރުގައި ކަމަށެވެ. ނަމަވެސް ރިސޯޓު ހެދުމަށާއި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ދޫކުރުމުގެ ބާރު ގާނޫނުން ގެންނަ އިސްލާހުން ކައުންސިލްތަކަށް ލިބިދީފައެއް ނުވެއެވެ.

ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ކުއްޔަށް ދޭނީ އިގުތިސޯދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މިނިސްޓްރީން ކަމަށެވެ.

އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅައިފިނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ރަށެއް އެ ކައުންސިލެއްގެ އިހުތިސޯސުން ވަކި ކުރަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުން ފިޔަވައި، އެނޫން ބޭނުންތަކަށް ރަށް ކުއްޔަށް ދޫކުރާނީ، އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ކުއްޔަަށް ދޭ ރަށެއް ގިނަވެގެން 21 އަހަރު ދުވަހަށް ކުއްޔަށް ދެވޭނެ ކަމަށާއި ނަމަވެސް އެރަށުގައި މަސައްކަތް ފަށާ އިރު ކުރާ އިންވެސްޓްމެންޓް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ދެ ބިލުގެ ތެރެއިން ފަޅު ރަށްރަށާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު މިހާރު އޮތީ، ލާމަރު ކަޒީ ކޮމިޓީގައެވެ. އަދި ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އޮތީ މަޖިލިސް ތަޅުމުގައެވެ.

މެންބަރުންގެ ހުރި ބައެއް ކަންބޮޑުވުންތައް

މި ދެބިލަށް މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ބައެއް ކަންބޮޑުވުންތައް މެންބަރުން ފާހަގަ ކުރެއްވިއެވެ.

އެގޮތުން މި ބިލުގެ ހަގީގީ މަގުސަދަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށްވާ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކޮށް ކައުންސިލުތައް ބާރުވެރި ކުރުވުން ކަމަށްވިޔަސް، ކައުންސިލެއްގެ އިހުތިސޯސް ތެރޭގައި ހިމެނޭ ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ރަށެއް ނެގޭނެ ގޮތަކަށް އޮންނަ ނަމަ، އިންޑަސްޓްރިއަލް ރަށަކީ ކޮބައިކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންވެފައި އޮންނާން ވާނެ ކަމަށް، ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެހެން ނޫނީ ގާނޫނު ތަންފީޒު ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށެވެ. އާއްމުކޮށް އިއުލާން ކުރުމަކާ ނުލައި ކައުންސިލް ތަކުން ވެސް ރަށްތައް ނުދެވޭ ގޮތަށް ބޭއްވުމަށް ސަލީމް ވަނީ އެ ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިއާން ވިދާޅުވީ، ރަށްރަށުގެ ބިންތައް ނުއަގުގައި ވިއްކޭ ގޮތަށް އޮތުމަކީ ދެކޮޅު ހަދާ ކަމެއް ކަމަށެވެ. ނަމަވެސް ރަށްރަށުން އެހެނިހެން ބޭނުންތަކަށް ކުއްޔަށް ދީފައިވާ ބިމު ކުލީގެ 100 ޕަސެންޓް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް އޮތުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ވަކި މީހަކަށް ނިސްބަތް ނުވާ ގޮތަށް އަދި ވަކި ކައުންސިލަކަށް ނިސްބަތް ނުވާ އަދި ވަކި ކަމަކަށް ހަމަޖައްސާފައި ނުވާ ބައެއް ފަޅުރަށްތައް ކައުންސިލްތަކުގެ އިހުތިސޯސްގައި ނުހިމެނި އެބަހުރި ކަމަށެވެ. އެފަދަ ރަށްރަށް ބެލެހެއްޓުން ސަރުކާރަށް އޮންނަނީ އުނދަގޫ ކަމަކަށް ވެފައި ކަަމަށެވެ. އަދި އެގޮތަށް ހުންނަ ބައެއްް ރަށްރަށް އަތޮޅު ކައުންސިލްތަކާ ހަވާލު ކުރިއަސް ބަލަހައްޓަން އުނދަގޫ ހިސާބުތަކުގައި އަތޮޅު ކައުންސިލްތަކާ ދުރުގައި އެ ރަށްރަށް އެބަހުރި ކަމަށެވެ.

އެހެން ކަމުން އެގޮތަށް ހުރި ރަށްރަށަށް ގޮތެއް ކަނަޑައެޅެންދެން އެންމެ ކައިރީގައި އޮންނަ ރަށެއްގެ ކައުންސިލަކަށް އެފަދަ ރަށްރަށް ބެލެހެއްޓުން ހަވާލު ކުރާގޮތަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ރަށްރަށުން އަލަށް ހިއްކާ ބިންތަކާ ބެހޭ ގޮތުންވެސް ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެފަދަ ބިންތަކާމެދު ކަންތައް ކުރަން ވާނެ ގޮތެއް ގާނޫނުން ބުނެދޭން ޖެހޭ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

މައި ސަރުކާރުން މޮނީޓާ ކުރުމެއްނެތި ބިން ވިއްކުމާއި ރަށްތައް ދޫކުރުން ކައުންސިލްތަކަށް ދޫކޮށްލުމުގެ ކަންބޮޑުވުން ވެސް މަދު މެންބަރުން ބިލުގެ ބަހުސްގައި ކަނބޮޑުވުން ފާޅު ކުރެއްވިއެވެ.

މި ބަދަލުތަކަކީ ލާމަޒުކަޒީ ނިޒާމަށް އަންނަ ތާރީ ބޮޑެތި ބަދަލު ތަކަކަށް ވާއިރު، މި ކަންކަން އެންމެ ހަރުދަނާ ގޮތުގައި ހިންގައި ތަންފީޒު ކުރެވޭނެ ފަދަ ހަރުދަނާ ހިންގުމުގެ ނިޒާމެއް ގާއިމު ކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. މި ނިޒާމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބާރުތައް ދޫކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނަމަވެސް އެއްވެސް ކޮންޓްރޯލެއް ނެތި، ނުވަތަ ހަރުދަނާ ހިންގުމުގެ ނިޒާމެއް ނެތި ކަންކަން ކުރިޔަށް ދާނަމަ، ރައްޔިތުންގެ ހަރުމުދާ އެއްވެސް އުސޫލެއް ނެތި ވިއްކައި ހުސް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެބޭފުޅުން ގަބޫލު ކުރައްވަ އެވެ. އެހެން ކަމުން ބާރުތައް ދިނުމާ އެކު ނިޒާމު ހަރުދަނާކޮށް ކޮންޓްރޯލު ތައް ވެސް ވަރުގަދަ ކުރުމުގެ މުހިންމުކަން ބޮޑެވެ.