މާލެ އަތޮޅު ރަސްފަރީ ފަރަށް އުރުނު ބޯޓު ފުންކޮށްފައިވާއިރު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

މި މަހުގެ 19 ވަނަ ދުވަހު ރަސްފަރީ ފަރަށް އުރުނު ބޮޑު އާގު ބޯޓު ފުންކޮށްފައިވަނީ މިއަދު މެންދުރު އެވެ.

ބޯޓު ފުންކުރުމަށްފަހު ޕޯޓް ލިމިޓް އޭރިޔާގައި އެންކަރު ކުރުމަށްފަހު މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މުދާ ހުސްކުރުމަށްފަހު ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަގުމަތީގައި ފަރަށް އުރުނު އެ ބޯޓުގެ އަޑީގައި ހުރި ގިނަ އަދަދެއްގެ ލޯސަލްފާ އައިއެފްއޯ (ތެޔޮ) ވަނީ ރައްކާތެރިކަމާއި އެކު މައްޗަށް ނަގައިފަ އެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުން ވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ނޫނީ ނުފުރޭނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. އެ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމުގެ މަސައްކަތް އީޕީއޭ އިން ކުރަމުން އަންނަ އިރު، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.