ރާއްޖޭގައި ކޮންމެ އަހަރަކު ޝައުބާން މަހު އެކެއް ފާހަގަ ކުރަމުން އަންނަނީ ޝަހީދުންގެ ދުވަހުގެ ގޮތުގެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި ބަތަލުންގެ ތެރެއިން އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނުގެ ޒިޔާރަތަކީ އެ ރަސްގެފާނު ދިވެހި ގައުމަށް ޓަކައި، ކޮށްދެއްވި އަގު ނުކުރެވޭ ގުރުބާނީގެ ހަނދާނުގައި ބިނާކުރެވިފައި ހުންނަ ޒިޔާރަތެކެވެ.
މި ކުޑަކުޑަ ރާއްޖެ ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކުރުމަށް އެފަދަ ބޮޑު ގުރުބާނީއެއް ވެވަޑައިގަތް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި މާތް ގަދަރަކާއި އިހުތިރާމެއް ދީފައިވާ ބަތަލު ފަސްދާނު ލެވިފައިވާ މި ޒިޔާރަތަކީ ރާއްޖޭގެ އެހާމެ މުހިއްމު އެއް ތާރީހީ ބިނާ ކަމަށް ވާއިރު، އެތަނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރުވެސް ބޮޑެވެ.
އެހެން ނަމަވެސް އެތަނުން މިހާރުު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. މިފަދަ ތާރީހީ ތަނެއްގެ ކުރިމައްޗަށް ކުނި އަޅައި އަލިރަސްގެފާނުގެ ގުރުބާނީއަށް ވެދުން ކޮށްފައި ވަނީ ކުނި ގޮނޑެކެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމްތަކުގައި މީގެ ކުރިންވެސް ވަނީ އަލި ރަސްގެފާނު ޒިޔާރަތް ގޮނޑަކަށް ހަދާފައިވާ މަންޒަރު ފެންނަ ފޮޓޮތަކެއް އާންމުވެފަ އެވެ. ނަމަވެސް އޭރާ އަޅައިބަލާއިރު މިހާރު ދެގުނަ އަށް ކުނި ކޮތަޅާއި ބާ ފޮށިގަނޑުތަކާއި އެކި އެއްޗިހި އެތަނުގައި ބަހައްޓާފައި ހުންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު އަނެއްކާވެސް ދަނީ ދައުރުވަމުންނެވެ. ހައިރާން ވާން ޖެހޭ ކަމަކީ އަލި ރަސްގެފާނު ވެވަޑައިގެންނެވި އަގުހުރި ގުރުބާނީގެ އަގު މިފަދަ ގޮތަކަށް ދިވެހިން އަދާކުރަމުންދާ ކަމެވެ.
ކޮވިޑާ ގުޅިގެން އިމާރާތުގެ ބޭރުގައި ކުނި ބަހައްޓަން ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ އަންގާފަ އެވެ. ނަމަވެސް އެ ކުންފުނީންވެސް އެންގީ ބަޔަކު ދިރިއުޅޭ އިމާރާތެއްގެ ކުނި އެ އިމާރާތެއްގެ ތިރީގައި ބަހައްޓާށެވެ. އެކަމަކު އަލިރަސްގެފާނު ޒިޔާރަތް ކައިރީގައި ދިރިއުޅޭ ބައެއް މީހުން ކުނި އެއްކުރަމުން ދަނީ އެ ޒިޔާރަތުގެ ދޮރުމައްޗަށެވެ.
އަލިރަސްގެފާނު ޒިޔާރަތުގެ ދޮރުމަތީގައި ފުންޏަކަށް ޖަހާފައިވާ ކުނިތަކުގެ ފޮޓޯއާއެކު އާންމު މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ތިމާ ތިމާމެންގެ ގައުމަށް ޓަކައި ޝަހީދުވި އަބްތޯލުންނަށް އިހުތިރާމު ކުރުމަކީ ގައުމީ ލޯބި ހިތުގައި އުފެދޭނެ ކަމެއް ކަމަށެވެ. އެކަމަކު މި އިހުތިރާމު ކުރާ ބަޔަކު މިހާރު ފެންނަން ނެތް ކަހަލަ އެވެ.
އަލިރަސްގެފާނުގެ ޒިޔާރަތަކީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަނެކެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އަލި ރަސްގެފާނު ޒިޔާރަތުގެ އެތެރެއަށް އެއްވެސް ބަޔަކު ކުނި އަޅާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެތަނުގެ ބޭރުގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިއީ ކޮވިޑާ ގުޅިގެން ކުނިތައް ބޭރަށް ނެރެން އެންގުމުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މީގެ ކުރިންވެސް އެފަދަ މައްސަލަތައް ފާހަގަވެ އެކަންތައް ތަކުރާރު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އޮފިޝަލު ވިދާޅުވީ މިގޮތަށް ކުނި ބަހައްޓާފައި ހުންނަކަން ފާހަގަ ވެ ސިޓީ ކައުންސިލުންނާއި ވެމްކޯއިން ވަރަށް އަވަހަށް އެތަނުން ކުނި ނަގައި ސާފު ކުރާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ހުއްޓުވަން ޖެހޭ ކަމެއް ނޫން ކަމަށާއި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންވެސް ހުއްޓަން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މިއީކީ ރައްޔިތުން ޖޫރިމަނާ ކޮށްގެން ނޫނީ އަދަބު ދީގެން ހުއްޓުވަން ޖެހޭ ކަމެއް ނޫން. މިއީ ހަމަ އެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކޮށް ގައުމާއި ދީނަށް ޓަކައި ޝަހީދުވި އަބްތޯލެއްގެ ޒިޔާރަތް. ވީމަ އަމިއްލަ އަށްވެސް ވިސްނަން ޖެހޭނެ ގަދަރުކުރަން ޖެހޭނެ ކަން. އިލްތިމާސް އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށްވެސް ކުރެވިދާނެ. އެކަމަކު އެއަށް ރައްޔިތުން އަމަލު ކުރަންވެސް ޖެހޭނެ ދެއްތޯ. ފަރުދީ ޒިންމާވެސް އަދާ ކުރަން އެބަ ޖެހޭ." އޭނާ ވިދާޅުވި އެވެ.
ވަން އާ ވާހަކަ ދެއްކި އެ ހިސާބުގަނޑުގެ ވިޔަފާރިވެރިޔަކު ބުނީ އެ އަލިރަސްގެފާނު ޒިޔާރަތު ދޮރުމައްޗަށް ކުނި އަޅަނީ ދުރުން ދާ ބައެއް ކަމަށް ނުބެލެވޭ ކަމަށާއި އެކަން ކުރުން ގާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކަމަށެވެ. އެކި ފަހަރު މަތީން މީޑިއާ ތަކުގައްޔާއި އެހެން ގޮތްގޮތުން ވެސް މި މައްސަލަ ފެންމަތިވަމުން އަންނަ އިރު، މިކަން ނުހުއްޓޭ ނަމަ ވެގެން އުޅެނީ ކިހިނެއްތޯ ބަލާން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.
"ކޮންމެ ގޮތެއް ވިޔަސް އަހަރެމެންގެ ގައުމުގެ ހައްގުގައި، މި ފަސްގަނޑަށް ޝަހީދުވި ބަތަލެއްގެ ޒިޔާރަތް ގޮނޑަކަށް ހަދައިގެން ނުވާނެ. ދެން މި ކަމުގަ އެ ކުނި އަޅާ މީހުންނަށް އެހެން ކަހަލަ ދަތި ތަކެއް ހުރީތޯ ނޫނީ ވެގެން އުޅެނީ ކިހިނެއްތޯ ވެސް ކޮންމެވެސް ބަޔަކު ބަލާން ޖެހިއްޖެ ދޯ!." އެމީހާ ބުންޏެވެ.