ފްރާންސް ލީގުގައި މިރޭ ޕީއެސްޖީން ރެއިމްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިމަނައިފިއެވެ.

އުމުރުން 34 އަހަރުގެ މެސީ، ފައިނޭންޝިއަލް މައްސަލަތަކުގެ ސަބަބުން ބާސެލޯނާ ދޫކޮށް މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕީއެސްޖީއާއެކު ގިނަ ފަރިތަކުރުންތަކެއް މިހާރު މެސީ ފުރިހަމަ ކޮށްފައިވާއިރު، އެ ކްލަބުގެ ޖާޒީގައި އަދި ދަނޑުމަތީން ފެނިފައެއް ނުވެއެވެ. ހަ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ އެންމެފަހުން ކުޅުނު މެޗަކީ އާޖެންޓީނާއާއެކު ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލް މެޗެވެ.

ޕީއެސްޖީއަށް ބަދަލުވެ މެސީ އަދި މެޗެއް ކުޅެފައި ނުވާއިރު، މިރޭގެ މެޗަކީ ޕީއެސްޖީ ޖާޒީގައި އޭނާ ފެންނާނެ އެންމެ ފުރަތަމަ މެޗު ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެންމެފަހުން ޕީއެސްޖީން ބްރެސްޓް އާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބުނެފައި ވަނީ މިރޭގެ މެޗުގައި މެސީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި، މިރޭގެ މެޗަށް ނޭމާވެސް ނެރޭނެ ކަމަށެވެ.

ޕޮޗެޓީނޯ އެގޮތަށް ބުނެފައިވާއިރު، މިރޭގެ މެޗުގެ ސްކޮޑުގައި ނޭމާވެސް ވަނީ ހިމަނައިފައެވެ. އެ ދެކުޅުންތެރިން ސްކޮޑުގައި ހިމެނި ނަމަވެސް އަދި ފުރަތަމަ 11 އިން ފެންނާނެ ކަމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް ކޯޗު ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އަށްވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ. އޭނާ ރަސްމީކޮށް ކްލަބު ދޫކޮށްލަން އެދިފައިވާއިރު، ޕީއެސްޖީ އާއި ރެއާލް އިން އަންނަނީ އެމްބާޕޭގެ ޓްރާންސްފާ އަށް ވާހަކަތައް ދައްކަމުންނެވެ. މިހާތަނަށް ރެއާލް އިން ދެ ބިޑެއް ކޮށްފައިވީ ނަމަވެސް އަދިވެސް ޕީއެސްޖީން ބުނަމުން އަންނަނީ އަގާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެމްބާޕޭ ކްލަބު ދޫކޮށްލަން އުޅުނު ނަމަވެސް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޯޗު ޕޮޗެޓީނޯ ވަނީ ބުނެފައެވެ. ޕޮޗެޓީނޯ ބުނެފައި ވަނީ އެމްބާޕޭ ތަމްރީނު ކުރަމުން އަންނަ ކަމަށާއި، އެމްބާޕޭ ހުރީ ތައްޔާރަށް ކަމަށެވެ.