ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކޮށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ބެންޗަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމް ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ އެ އަޑުއެހުން އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތު ވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.

މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފައެވެ