އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އާސެނަލް ކޮޅަށް ފަސް ގޯލު ޖަހައި، އެޓީމު ލަދު ގަންނަވާލައިފިއެވެ.
މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު އާސެނަލް މެޗުން 5-0 އިން ބަލިވެފައިވާ އިރު، މިހާރު އެޓީމު އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. ސިޓީ ދަނޑުގައި މިއަދު ކުޅުނު މެޗުން ވި ބައްޔާއެކު މިހާތަނަށް މި ސީޒަންގެ ލީގުގައި އާސެނަލް ކުޅުނު ތިން މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އަދި އެ ތިން މެޗުގައި ކޮޅަށް ނުވަ ގޯލު ވަދެފައިވާ އިރު، އާސެނަލަށް ލީގުގައި އަދި ގޯލެއް ޖެހިފައެއް ނުވެއެވެ.
މިއީ 1954 ވަނަ އަހަރަށްފަހު އާސެނަލުން މިހާ ދަށްކޮށް ލީގު ފެށި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އާސެނަލަށް ލީގުގެ ފުރަތަމަ ތިން މެޗުން ތިން ބައްޔާ ކުރިމަތިލާން ޖެހުނީ 67 އަހަރު ކުރިންނެވެ. އެ ފޯމާއެކު ޓީމާ ހަވާލުވެ ހުރި ކޯޗު މިކޭލް އާޓެޓާ މިހާރު ހުރީ ބޮޑު ޕްރެޝަރެއްގައެވެ.
ފުރަތަމަ ހާފުގައި އާސެނަލުގެ ގްރަނިޓް ޒަކާއަށް ރެފްރީ ސީދާ ރަތެއް ދެއްކުމުގެ ކުރިންވެސް އާސެނަލަށް އޮތީ މެޗުން އުންމީދު ގެއްލިފައެވެ. މެޗުގެ ފުރަތަމަ 12 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ދެ ގޯލު ޖަހައިފައެވެ. ސިޓީގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން ބޭންޑުގައި މެޗަށް ނުކުތް އިލްކޭ ގުންޑޮގަންއާއި ފެރާން ޓޮރޭސްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. 100 މިލިއަން ޕައުންޑަށް މި ސީޒަނަށް ސިޓީއަށް ގެންދިޔަ ޖެކް ގްރީލިޝް އަރިމަތިން ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ގެބްރިއަލް ޖީސަސްއެވެ.
ދެވަނަ ހާފުގައި ޕެޕް ގާޑިއޯލާގެ ސިޓީން އާސެނަލް ލަދު ގަންނަވާލިއެވެ. ބޯޅަ ހިފަހައްޓައިގެން ގިނަ އިރުތަކެއް ވަންދެން ކުޅެ، އާސެނަލަށް ސިޓީ ގޯލަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވޭނެ ފުރުސަތެއް ނުދެއެވެ. މެޗުގައި އާސެނަލަށް ބޯޅަ ހިފެހެއްޓުނީ 16 ޕަސެންޓް ވަގުތުގައެވެ. ބާކީ ހުރިހާ ވަގުތެއްގައި ބޯޅަ ކޮންޓްރޯލުކޮށް ޕާސްތައް ޖެހީ ސިޓީންނެވެ.
މެޗުގައި ސިޓީގެ އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ރިޔާދު މަހަރޭޒް ޖަހައިދިން ގޯލެކެވެ. އަދި މެޗު ނިމެން ދަނިކޮށް ސިޓީގެ ފަސްވަނަ ގޯލު ޖެހީ ދެވަނަ ގޯލު ވެސް ޖެހި ފެރާން ޓޮރޭސްއެވެ.
މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ސިޓީން ވަނީ ދެ މެޗުން މޮޅުވެފައެވެ. ސިޓީން ފުރަތަމަ މެޗުގައި ޓޮޓެންހަމް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު މެޗުގައި ނޯވިޗް ކޮޅަށް ފަސް ގޯލު ޖަހައި، މިއަދުގެ މެޗުގައި އާސެނަލް ކޮޅަށްވެސް ފަސް ގޯލު ޖެހިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު