ހއ. ދިއްދޫ ހޮސްޕިޓަލް މެނޭޖަރު، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާ ނަރުހެއް ގާތަށް ވަދެ އޮއްވައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންތަކަކަށް ބިރުދައްކައި ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުމުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިއްދޫ އިން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކާއި މެނޭޖަރާ ގުޅުން އޮންނަ ކަން އެނގޭ ކަމަށެވެ. އަދި އެ އަންހެން މީހާ އެރަށުގެ އިތުރު ފިރިހެނުންނާއެކުވެސް ޖިންސީ ގުޅުން ހިންގާ ކަމަށް އަޑު ފެތުރޭ ކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ ރޭގެ ވަގުތެއްގައި ފުލުހުން ކޯޓު އަމުރު ހިފައިގެން ވަނީވެސް އެ ނަރުސް ދިރިއުޅޭ ގެއަށް ކަމަށާއި އެ ވަގުތުވެސް އެ ދެ މީހުން ތިބީ ޖިންސީ ގުޅުން ހިންގަން ކަމަށެވެ. ނަމަވެސް މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަމައެކަނި ފިރިހެން މީހާ ކަމަށާއި ނަރުހަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.