ރިޕޯޓް

ސިޓީއަށް "ނޫނެކޭ ބުނެ" ރޮނާލްޑޯ ހޯމް އަށް، އާދަޔާ ހިލާފު ޓްރާންސްފާގެ ޓައިމްލައިނަށް ނަޒަރެއް!

މުޙައްމަދު ޝަމްޢޫން

3

މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައިވެސް ތަފާތު ޖަޒުބާތީ ރެއަކަށް މިރޭ ވެގެންދާނެއެވެ. ކްލަބުގެ ޓްރާންސްފާތަކުގެ ތާރީހުގައިވެސް އެންމެ ބޮޑު އެއް ރެއަށް މިރޭ ވެގެން ދާނެއެވެ. އާދައިގެ ކަމަކައިގެން ނޫނެވެ. ކްލަބުގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ދުނިޔޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަނބުރާ އެ ކްލަބަށް ދިޔުމާ ގުޅިގެންނެވެ. ރޮނާލްޑޯ ވާދަވެރި މެންޗެސްޓާ ސިޓީއަށް "ނޫނެކޭ ބުނެ"، އެންމެ ފަހު ދެ ގަޑިއިރެއްހާއިރު ތެރޭގައި ޔުނައިޓެޑަށް އާނއެކޭ ބުނި ބުނުމަކީ މި ޓްރާންސްފާ ސީޒަންގެ "ކްރޭޒީ" ހަބަރުތަކުގެ ތެރެއިން ޖާގަ ހޯދި އާ ހަބަރެކެވެ.

ރޮނާލްޑޯގެ ޓްރާންސްފާގެ ހަބަރަކީ މީގެ ދެތިން ދުވަސް ކުރިން ފެށިގެން އިވެމުން އަންނަ ހަބަރެއް ނަމަވެސް، ރޮނާލްޑޯ ޔުނައިޓެޑަށް ދިޔުން މިއީ ހީކުރި ގޮތާ މުޅިން ހިލާފަށް ދިޔަ ކަމެކެވެ. މީގެ ދެތިން ގަޑިއިރު ކުރިންވެސް ރޮނާލްޑޯ ދާން އޮތީ ޔުނައިޓެޑްގެ އެންމެ ވާދަވެރި ސިޓީއަށެވެ. ރޮނާލްޑޯގެ ޓްރާންސްފާގެ ޓައިމްލައިނަށް ބަލައިލުން މުހިއްމެވެ. އެއީ ޓްރާންސްފާ މާކެޓުގެ "ހައިރާންކަން" ފެންނާނެ ވާހަކަތަކެއް ކަންވެސް ޔަގީނެވެ.

17 އޯގަސްޓް: ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަތައް އޭނާ ދޮގުކުރި

ޓްރާންސްފާ ސީޒަން ފެށުމުގެ ކުރިން ރޮނާލްޑޯއާ ގުޅުވައިގެން ޓްރާންސްފާގެ ގިނަ ވާހަކަތަކެއް އުޅޭތީ، އެ ވާހަކަތައް މަޑު ޖައްސާލީ ރޮނާލްޑޯ އަމިއްލައަށް ބޮޑު ބަޔާނެއް ނެރެގެންނެވެ. އުމުރުން 36 އަހަރުގެ ފޯވަޑް ރޮނާލްޑޯ، ޔުވެންޓަސް ދޫކޮށް ރެއާލް މެޑްރިޑު ނޫނީ ޕީއެސްޖީއަށް ދާން މަސައްކަތް ކުރާ ކަމަށް ނޫސްތަކުގައި ހަބަރު ފެތުރޭ އިރަށް ރޮނާލްޑޯ އެކަން ދޮގު ކުރީ ބޮޑު ޕޯސްޓަކުންނެވެ.

އަހަރެންގެ ފޯކަސް ހުރީ މިހާރު ޔުވެންޓަސްއާ އެކު ކުރަމުން އަންނަ މަސައްކަތަށް. އަހަރެންގެ ނަން ބޭނުންކޮށްގެން ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ ބަލައިގަންނާނެ ކަމެއް ނޫން. އެއީ އިހުތިރާމު ކުޑަކުރުން. އަހަރެން ގަބޫލު ކުރަނީ ވާހަކަ މަދުކޮށް އަމަލުތައް ގިނަކުރުމަށް. އެއީ އަހަރެން ކެރިއަރުގެ މޮޓޯ. އެގޮތަށް ހުންނަ ނަމަވެސް ބައެއް ފަހަރު އަމިއްލަ ސްޓޭންޑު ދިފާއު ކުރަން ޖެހޭ. ލިޔެފައިވާ ލިޔުންތަކަށް ބަލައި، މިކަން ސާފުކޮށްދޭން ބޭނުންވޭ. އަހަރެންގެ ޓްރާންސްފާއާ ގުޅިގެން ދައްކަނީ ދޮގު ވާހަކަތައް،" ތަފާތު ފޮޓޯއަކާއެކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވެއެވެ.

22 އޯގަސްޓް: ބެންޗުން މެޗު ފެށުމާއެކު އާ ވާހަކަތަކެއް

މިދިޔަ ހަފުތާގައި ޔުވެންޓަސް އިން ލީގުގައި ކުޅުނު މެޗުގެ ފުރަތަމަ 11 އިން ރޮނާލްޑޯ ނުފެނުނު ހިސާބަކީ ޓްރާންސްފާގެ ވާހަކަ ފެށުނު ހިސާބެވެ. މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި އެރޭގެ މެޗުގެ 11 އަށް ރޮނާލްޑޯ ނޭރީ އަމިއްލައަށެވެ. އެ ނިންމުމުގެ ފަހަތުގައި އޮތީ ޓްރާންސްފާ ސީޒަން ނިމުމުގެ ކުރިން ޔުވެންޓަސް ދޫކޮށްލުމުގެ ވިސްނުމެވެ. އަދި އެކަމަށް ކްލަބުގައި އެދުނު ކަމަށް ބައެއް ރިޕޯޓުތައް އޭރުވެސް ބުނެފައިވެއެވެ.

އެފަދަ ގޮތަކަށް ހަބަރުތައް ފެތުރުމުން މެޗުގެ ކުރިން ކަހަލަ ގޮތަކަށް ޔުވެންޓަސްގެ ނައިބު ރައީސް، ޕައުލް ނެޑުވެޑު ވަނީ އެ މައްސަލަ ސާފުކުރުމަށް މީޑިއާއާ ވާހަކަ ދައްކައިފައެވެ. ނެޑްވެޑު ބުނެފައި ވަނީ ރޮނާލްޑޯ ބެންޗުން މެޗު ފެށީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި، ޔުވެންޓަސް ގައި ރޮނާލްޑޯ މަޑުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ. އެއީ މަތި އަޅައިލުމެކެވެ. ނޫސްތަކުން ރިޕޯޓު ކުރި ވާހަކަ ވީ ތެދަކަށެވެ. އޭގެ ދެ ދުވަސްފަހުން ރޮނާލްޑޯގެ ޓްރާންސްފާގެ އަޑު ބާރަށް ދެކެވެން ފެށިއެވެ. ހަބަރުތައް ބުނެފައި ވަނީ ރޮނާލްޑޯ ބޭނުން ވީ އާ ކްލަބެއް ހޯދަން ކަމަށެވެ. އާ އެކްސްޕީރިއަންސެއް ހޯދުމަށް ކަމަށެވެ.

އޭރަކު ރަސްމީކޮށް އެއްވެސް ކަމެއް ނުހިނގައެވެ. އޭރު އޮތީ އަޑުތަކެކެވެ. ޕީއެސްޖީތޯ، މެންޗެސްޓާ ސިޓީތޯ... ރޮނާލްޑޯ އަށް އޮތީ ކޮން މަންޒިލެއްތޯ؟ އެއީ ސަޕޯޓަރުން ކުރަމުން އައި ސުވާލެކެވެ.

25 އޯގަސްޓް: މެންޑޭޒް އިޓަލީއަށް، ރޮނާލްޑޯ ޓްރާންސްފާއެއް ބޭނުންވި ކަމުގެ ޔަގީންކަމެއް

ކުއްލިއަކަށް ރޮނާލްޑޯގެ އެޖެންޓް ޖޯޖު މެންޑޭޒް އިޓަލީއަށް ދިޔުން ވެގެންދިޔައީ ޝައްކެއް ނެތް ގޮތުގައި ރޮނާލްޑޯ އިތުރު ގޮތެއް ބޭނުން ވާ ކަމުގެ ނިޝާނަކަށެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ކުޅިވަރު އެޖެންޓް، މެންޑޭޒް އިޓަލީއަށް ޖެއްސުމާއެކު ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތައް މެކުހަށް ޖެހިއެވެ. ޔުވެންޓަސްއާއެކު ވާހަކަ ދައްކާ ކްލަބުތަކަށް ރޮނާލްޑޯ ހުށަހަޅަން އޭނާ ލަހެއް ނުކުރިއެވެ.

އިނގިރޭސި އެންމެ ވަރުގަދަ ކުލަބު މެންޗެސްޓާ ސިޓީން ފޯވަޑެއް ހޯދުމަށް އޭރު މަސައްކަތް ކުރަމުން ދިޔައިރު، ރޮނާލްޑޯގެ ޓްރާންސްފާއާ އެންމެ ބޮޑަށް އެވަގުތު ގުޅިފައި އޮތީ ސިޓީއެވެ. މެންޑޭޒް ހޯދަން އެ ތާރީހުގައި އެންމެ ފުރަތަމަ މެންޑޭޒްއާ ކޮންޓެކްޓް ކުރީވެސް ސިޓީންނެވެ. ނަމަވެސް ސިޓީން ވަނީ ރޮނާލްޑޯއަށް ޔުވެންޓަސް އިން ކިޔަމުންދާ އަގަށް އޭރު އިންކާރު ކޮށްފައެވެ. ގެބްރިއަލް ޖީސަސްއާ އެކު ސިޓީން އިތުރު 30 މިލިއަން ޕައުންޑް ރޮނާލްޑޯއަށް ހުށަހަޅަން ޔުވެންޓަސް އިން ބޭނުން ނަމަވެސް، ފައިސާގެ އެފަދަ ބޮޑު އަދަދެއް ރޮނާލްޑޯއަށް ހަރަދު ކުރަން ސިޓީ އިން ދިޔައީ އިންކާރު ކުރަމުންނެވެ.

27 އޯގަސްޓް، 19 ގަޑިއިރު ކުރިން: ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާނެކަން ޔުވެންޓަސް ކޯޗު އިއުލާން ކުރި

ޔުވެންޓަސްގެ ކޯޗު މެސިމިލިއާނީ އަލެގްރީ ބުނެފައި ވަނީ މިވަގުތުން ފެށިގެން ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ އެދިފައިވާ ކަމަށާއި އެއީ ހަގީގީ ވާހަކައެއް ކަމަށެވެ. އަދި ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެވަގުތު ރޮނާލްޑޯ ވަނީ ޔުވެންޓަސް ކުޅުންތެރިންނާ ބައްދަލުކޮށް، އަލްވަދާއު ކިޔާފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރޮނާލްޑޯ ވަނީ ޕްރައިވެޓް ޖެޓުގައި އިޓަލީ ދޫކޮށް ލިސްބަން އަށް ފުރާފައި ކަމަށް ގިނަ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އޭރުވެސް މަންޒިލަކަށް އޮތީ ހަމަ އެންމެ ތަނެކެވެ. އެއީ މެންޗެސްޓާ ސިޓީއެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން ދިޔައީ ކެކި އަރަމުންނެވެ. ނާލްޑޯ ވަނީ އޭނާ ކެރިއަރުގައި މުހިންމު ދުވަސްތަކެއް ޔުނައިޓެޑް ޖާޒީގައި ކުޅެފައެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގެ ދަށުގައި ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާ އިރު، އެ ދުވަސްތަކުގައި އޭނާ ވަނީ އެ ކުލަބާ އެކު ތިން ފަހަރު ލީގު ހޯދައި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. ޔުނައިޓެޑަށް ކުޅެމުން ރޮނާލްޑޯ ފުރަތަމަ ބެލޮންޑިއޯވެސް ހޯދި އިރު، އޭނާއަކީ އެ ކުލަބާއެކު ކްލަބު ވޯލްޑް ކަޕުވެސް ހޯދި ކުޅަދާނަ ފޯވަޑެކެވެ.

އެ ލެގަސީ ހަނދާން ނައްތާލައި ޔުނައިޓެޑްގެ އެންމެ ބޮޑު ހަތުރުން ކަމަށްވާ ސިޓީއަށް ރޮނާލްޑޯ ދާން ސަޕޯޓަރުން ބޭނުމެއް ނުވިއެވެ.

27 އޯގަސްޓް، 4 ގަޑިއިރު ކުރިން: ޔުނައިޓެޑު ކުއްލިއަކަށް ރޭހުގެ ކުރިއަށް، ސިޓީ ބޭރަށް

މިއަދު އިރުއޮއްސުމާ ގާތަށް ރޮނާލްޑޯ ހުރީ މެންޗެސްޓާ ސިޓީގެ ބިޑަކަށް އިންތިޒާރުގައެވެ. ރޮނާލްޑޯގެ އެޖެންޓް ޖޯޖު މެންޑޭޒް އާއި ސިޓީން ވާހަކަ ދައްކަމުންދިޔަ އިރު، އަނގަބަހުން ހުރިހާ ކަމަކަށްވެސް އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް އެ ވާހަކަތަކަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. ސިޓީން ރަސްމީ ބިޑަކާ ހަމައަށް ނުގޮސް ރޮނާލްޑޯ ހޯދުން ހުއްޓާލިއެވެ. ބެލެވޭ ގޮތުގައި މަޖުބޫރީ ހާލަތަކަށް ދިޔައީއެވެ. ޔުނައިޓެޑަށް ރޮނާލްޑޯ ގެ ހިތުގައި ޒަމާނުއްސުރެ އޮތް ލޯބީގެ ބޭނުން ހިފައި، ޔުނައިޓެޑުން ސިޓީގެ ބިޑް ހައިޖެކް ކުރީއެވެ.

ޔުނައިޓެޑުން ވަނީ ރޮނާލްޑޯ ހޯދަން އެޖެންޓް މެންޑޭޒްއާ ސީދާ ވާހަކަތައް ދައްކައިފައެވެ. ކުއްލިއަކަށް ރޮނާލްޑޯ ހޯދުމުގެ ރޭހަށް ވަދެ، ޔުނައިޓެޑުން ރޮނާލްޑޯ ގެންދަން އުންމީދުވެސް އާކުރިއެވެ. ކޯޗު އޮލެ ގުނަ ސޮލްސްޖާގެ ނޫސް ކޮންފަރެންސްގައި އޭނާވެސް ބުނީ ރޮނާލްޑޯއަށް އަބަދުވެސް ޔުނައިޓެޑުގެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށެވެ. އަނެއްކޮޅުން ސިޓީގެ މަންޒަރު ބަދަލު ވެ، ކޯޗު ޕެޕް ގާޑިއޯލާގެ ޕްރެސްގައި އޭނާ ބުނީ ރޮނާލްޑޯގެ ޓްރާންސްފާއަށް ވާނެ ގޮތެއް އަދި ނޭނގޭނެ ކަމަށާއި، އެއީ ދުރުގައި އޮތް ކަމެއް ކަމަށެވެ.

ކުއްލިއަކަށް އައި ބަދަލާއެކު ޔުނައިޓެޑުން ލަހެއް ފަހެއް ނުކުރިއެވެ. ރަސްމީ ބިޑަކަށް ތައްޔާރުވެ ސަޕޯޓަރުންނަށް އުންމީދު ދިނެވެ.

27 އޯގަސްޓް، 2 ގަޑިއިރު ކުރިން: ޔުނައިޓެޑުން ރަސްމީކޮށް ބިޑުކުރުން

ޔުނައިޓެޑްގެ ލެޖެންޑް ހޯދަން އެ ކްލަބުން ބިޑު ކުރީ މީގެ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ކުރިންނެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ދިއުމާ ގާތަށް ޖެހިލާފައި ވަނީ 25 މިލިއަން ޕައުންޑުގެ ބިޑެއް ޔުނައިޓެޑުން ޔުވެންޓަސްއަށް ރަސްމީކޮށް ހުށަހެޅުމާ އެކުގައެވެ.

އެހިސާބުން ޓްރާންސްފާ ޔޫޓާން އަކަށް ދާން އޮތީ އުނދަގޫ މަގެކެވެ. ޔުނައިޓެޑާއި ރޮނާލްޑޯއަކީ ހިތާއި ހިތުމުގެ ގުޅުމެކެވެ. ރޮނާލްޑޯގެ ކެރިއަރުގައި ޕްރައިމްއަށް އަރައިގެން ދިޔަ ކްލަބު، ޔުނައިޓެޑަކީ އަބަދުވެސް ރޮނާލްޑޯއަށް ހާއްސަ ކުލަބެކެވެ. މި ޓްރާންސްފާ ސީޒަނުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމި ހިސާބުން އޭނާ ގެންދަން އެންމެ ގާތުން މަސައްކަތް ކުރީ މެންޗެސްޓާ ސިޓީން ނަމަވެސް، ޔުނައިޓެޑުން ހަނާ އަަޅާލި ހިސާބުން މުޅި ސިނާރިއޯ ބަދަލުވިއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މެންޑޭޒްއާ ހަމައަށް ޔުނައިޓެޑުން ދިއުމާ އެކު ރޮނާލްޑޯ ވަނީ "ޔުނައިޓެޑަށް ދާން ބޭނުންވާ،" ކަމަށް ބުނެފައެވެ.

27 އޯގަސްޓް، 1 ގަޑިއިރު ކުރިން: ޔުނައިޓެޑުން ރަސްމީކޮށް އިއުލާންކުރުން، ޔުނައިޓެޑް ސަޕޯޓަރުން އާސްމާނުގައި

އެއްބަސްވުމަކަށް އައުމާއެކު ޔުނައިޓެޑުން ރަސްމީކޮށް ރޮނާލްޑޯގެ ޓްރާންސްފާ އިއުލާން ކުރިއެވެ. ޔަގީނެވެ. ޔުނައިޓެޑް އިހުތިޔާރު ކުރުމަށް އެދި އެތަކެއް ފޯނު ކޯލެއް، އެތަކެއް ބައެއްގެ އިރުޝާދެއް، އެތައް ބައެއްގެ ނުފޫޒެއް ރޮނާލްޑޯއާ ހަމައަށް ދާނެއެވެ. އޭގެ ތެރޭގައި ސާ އެލެކްސް ފާގަސަން އާއި ކުރީގެ ބައެއް ކުޅުންތެރިން ކަމަށްވާ ރިއޯ ފާޑިނޭންޑް ފަދަ ކުޅުންތެރިން ހިމެނުން ގާތެވެ. އެއީ ޔަގީން ވާހަކަތަކެއް ނޫނަސް، ޔުނައިޓެޑް ސަޕޯޓަރުންނަށް މިރެއަކީ ހާދަ އުފާވެރި ރެއަކަށް ވާނެއެވެ.

ކްލަބުގައި ރަން ތާރީހެއް އޮތް، ދުނިޔޭގެ ދެވަނައެއް ނެތް، ރޮނާލްޑޯ އަލުން "ހޯމް" އަށް ދިޔައީއެވެ. ރޮނާލްޑޯއަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަސް ފަހަރު ހޯދައި، ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކެރިއަރުގައި މިހާތަނަށް 780 އަށް ވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގު އަނެއްކާވެސް ފޯރި ގަދަވީއެވެ. ލީގުގެ ތާރީހުވެސް ދުށް އެންމެ ހުނަވެރި އެއް ކުޅުންތެރިޔާ، އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ބްރޭންޑް އަނެއްކާވެސް ޕްރިމިއާ ލީގުން ފެންނާނެއެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.