ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު އިނގެރޭސީ ވިލާތުގައި ހައްޔަރު ކޮށްފައި ވަނީ އެ ގައުމުގެ ފުލުހުން ނޫން ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަނުން ކަމަށް "ވަން" އަށް އެނގިއްޖެ އެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އަލީ ވަހީދު މި ވަގުތު ހުރީ އިނގެރޭސިވިލާތުގެ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރެއްގައި ކަމަށެވެ. ޔޫކޭ އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައި ވަނީ ވިސާގެ މައްސަލައެއްގައި ކަމަށް ވެސް ބުންޏެވެ.
"އިމިގްރޭޝަނުން އަލީ ވަހީދު ހިފެހެއްޓި އިރު ވިސާ ހަމަޖައްސަން ކުރާން ޖެހޭ ކަންކަން ވެސް ދިޔައީ ކުރަމުން. ލިޔުންތައްވެސް ހުރީ ހުށަހަޅާފަ." ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އަލީ ވަހީދު ހައްޔަރު ކުރީ ކޮންމެވެސް ބަޔަކު ރިޕޯޓުކޮށްގެން ކަމަށް ބެލެވޭ ކަމަށާއި އޭނާ ހައްޔަރު ކުރީ ބޭރު ތެރޭ ތަނެއްގައި ހުއްޓައި ކަމަށެވެ.
އިނގެރޭސިވިލާތުގެ އިމިގްރޭޝަނުން އަލީ ވަހީދު ހައްޔަރުކޮށްފައިވާ އިރު، އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުންތައް ބާއްވަން މިއަދު ހެނދުނު 09:00 ގައި ކްރިމިނަލް ކޯޓުގައި އޮތީ ތާވަލު ކޮށްފައެވެ. ސިއްރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ގަޑި ޖެހުނު އިރުވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަލީ ވަހީދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ވަކީލުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، އަލީ ވަހީދު ހުންނެވި ގައުމުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިނގެރޭސި ވިލާތުގައި އަލީ ވަހީދު ހައްޔަރުކުރި ކަމުގެ ހަބަރުތައް ރާއްޖޭގެ މީޑިއާގައި ފެތުރިފައިވާ އިރު، ދިވެހި ފުލުހުން ބުނެފައި ވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެ ކޯޓުން ކަރެންޝަންސް އަށް އަންގާފައިވާ އިރު، އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ކަރެންޝަންސް އިން ދާދި ފަހުން ވަނީ ބުނެފަ އެވެ. އަދި އޭނާ ރާއްޖެ ގެނައުމަށް ކުރާން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު