ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ހަތް ދައުވާގެ އަޑުއެހުންތަކަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުން ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުންތައް ބާއްވަން ތާވަލު ކޮށްފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ސިއްރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ގަޑި ޖެހުނު އިރުވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަލީ ވަހީދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ވަކީލުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، އަލީ ވަހީދު ހުންނެވި ގައުމުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. ނަމަވެސް އެއީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ނަމަވެސް ހައިކޯޓުންވެސް އެ މައްސަލަ ބޭރުކޮށްލުމުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ އައުމަށް އަންގައި އޭނާ އަށް ޗިޓު ފޮނުވައިފައެވެ.

ނަމަވެސް ކޯޓަށް ހާޒިރުވުމަށް ކުރި އަމުރާ އެއްގޮތަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށް ވަނީ އަމަރުކޮށްފައެވެ.