ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަަށް އިނގިރޭސި ލީގުގެ ކްލަބްތަކުން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދަމުންދާތީ، އެ މައްސަލައިގައި ހައްލެއް ހޯދައިދިނުމަށް އެދި ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ، އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންއަށް ހާއްސަ ސިޓީއެއް ފޮނުއްވައިފައެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް ކުޅުންތެރިން ދޫނުކުރަން ކްލަބްތަކުން ނިންމި ސަބަބަކީ ޔޫކޭގެ ރެޑް ލިސްޓްގައިވާ ގައުމަކަށް ކުޅުންތެރިޔަކު އެނބުރި އައިސް އެ ކުޅުންތެރިންނަށް ކްލަބްތަކާ ގުޅެވޭނީ 10-14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް ފަހު ކަމަށް ވާތީއެވެ. އެންމެ ފުރަތަމަ އެ ގޮތަށް އިއުލާނު ކުރީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ. އެއަށް ފަހު އިނގިރޭސި ދެ ވަނަ ޑިވިޝަނާއި ލަލީގާ އިން ވެސް ވަނީ އެ ގޮތަށް ކުރިއަށްދާން ނިންމައިފަ އެވެ. ކުރިއަށް އޮތްތަނުގައި ފްރެންޗް ލީގާއި އިޓާލިއަން ލީގުގައި ވެސް އެ ގޮތަށް ނިންމާނެ ކަމަށް ބެލެވެ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީގައި ވަނީ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ ހުއްދައެއް ދީގެން ވެސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަދައިދޭން އެދިވަޑައިގެންފައެވެ.

"ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް. ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ވެސް ކުރަން ޖެހޭ ކަމެއް. އަހަރެންގެ ވަރަށް ބޮޑު އެދުމެއް ހައްލުތަކެއް ހޯދައިގެން ވެސް ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްދިނުމަކީ. ފުޓްބޯޅަ އަށް އިތުރު ގެއްލުންތަކެއް ވާކަށް ނޭދެން،" އިންފަންޓީނޯ ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގެ ދަށުން ކޮވިޑްގެ ކަންކަން އޮތް ގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުން ނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު އޮތީ ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ފީފާ އުސޫލުގެ ދަށުން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ.

"މީގެ ކުރިން ވެސް އަހަރެމެން އެންމެން ހުރިހާ ގައުމެއް ގުޅިގެން ބޮޑެތި ކަންކަމާ ކުރިމަތިލައިފިން. މުސްތަގުބަލު ވެސް އޮތީ އެ ގޮތަށް. އަހަރެން އެދެނީ މިކަމުގައި (ކުޅުންތެރިން ރިލީސްކުރުމުގައި) ވެސް އިންސާފުވެރި ގޮތެއް ހޯދައިދީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްދިނުން،" އިންފަންޓީނޯ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސް ނުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ނިންމުމުން 60 ވަރަކަށް ކުޅުންތެރިންނަށް ގައުމީ ޓީމާ ނުގުޅެވޭނެ އެވެ.