އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މަސައްކަތް ކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިފައިވާ އިސްތިއުނާފީ ހައްގުތަކަށް ހުރަސްއެޅުމަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުން މިގޮތަށް ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމްކޮށްފައިވާ އިރު، އެ ފައިސާ ނުދައްކާ ކަމަށް ބުނެ، އޭޖީ އޮފީހުން އެ މައްސަލަ އިއްޔެ ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ ވަކީލުން މިއަދު ނެރެނު ބަޔާނެއްގައި ވަނީ ކުރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކުރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް އެމަނިކުފާނު ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، އެމައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަން މީރާ އާއި ކަމާބެހޭ މުއައްސަސާތަކަށް ލިޔުމުން އަންގާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ އެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންފައި ވަނިކޮށް، އަދި ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިދީފައި އޮންނަ ބޭނުމަކީ ވެސް ދަށު ކޯޓުން ނިންމި ނިންމުން އަލުން ބަލައި އެ ނިންމުމެއް ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ހައްގު ލިބިދިނުން ކަމަށްވާއިރު، އެ ފުރުސަތު ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ވަރަށް ފުޅާދާއިރާއެއްގައި ލިބިދީފައި ވަނިކޮށް، އަދި އެގޮތުގެމަތިން މައްސަލަ އިސްތިއުނާފުކޮށްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާ ގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނުއަސާސީން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ދެކެން،" ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ އެ ހައްގަށް އެއްވެސް އިހުތިރާމެއް ކުރުމެއް ނެތި، އެ ހައްގު ނިގުޅައިގަނެ، ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ނިންމެވުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް އޮއްބާލުމުގެ ބޭނުމުގައި ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި ބަންޑާރަނައިބުގެ މި ނިންމެވުމަކީ ގާނޫނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވުރެ ރައީސް ޔާމީނާ ޒާތީ ގޮތުން ދިމާކޮށް، ފުރައްސާރަކުރުމުގެ ގޮތުން ހިންގާ ވަރަށް ވިޔާނުދާ އަދި އެކަމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި މިދިޔަ ޖޫން މަހުގެ 26 ގައި މީރާއީން ރައީސް ޔާމީނަށް ނޯޓިސް ފޮނުވި ނަމަވެސް އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
އެ މައްސަލައިގައި އެދިފައި ވަނީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައީސް ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފައިވާ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު