ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބޭނުންވަނީ ޕީއެސްޖީ ދޫކޮށްލަން ކަމަށާއި، ރެއާލް މެޑްރިޑުގެ ހުށަހެޅުން ބަދަލުކުރުމުން ޓްރާންސްފާއަށް ތައްޔާރު ކަމަށް ޕީއެސްޖީން ބުނެފިއެވެ.
ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ކަމަށް ރަސްމީކޮށް މިހާރު ވަނީ އަންގައިފައެވެ. ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ ބުނެފައި ވަނީ ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ އެދިފައިވީ ނަމަވެސް، އޭނާއަށް ދެވޭނީ ވަކި އަގެއްކައި ކަމަށެވެ. އެގޮތުން މިހާރު ރެއާލުން ހުށަހަޅާފައިވާ 160 މިލިއަން ޔޫރޯއަކީ އެކަށޭނެ އަގެއް ނޫން ކަމަށާއި، ރެއާލުގެ ހުށަހެޅުން ބަދަލުކުރަން ޖެހޭ ކަމަށް ލިއެނާޑޯ ވަނީ ބުނެފައެވެ.
އެމްބާޕޭ ހޯދުމަށް ރެއާލުން ރަސްމީ ބިޑެއް ކޮށްފައިވާ އިރު، ލިއެނާޑޯ ބުނެފައި ވަނީ ރެއާލުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އިތުރަށް ވާހަކަތަކެއް ދައްކަން ބޭނުން ނުވާ ކަމަށާއި، ބޮޑު ހުށަހެޅުމަކަށް އިންތިޒާރު ކުރާނެ ކަމަށެވެ.
"ރެއާލުން ހުށަހަޅާފައިވާ އަގަކީ އަހަރެމެން ހިތްހަމަ ޖެހޭ ވަރަށްވުރެ މާ ކުޑަ އަގެއް. ގާތް ގަނޑަކަށް 160 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅީ. އެކަމަކު އެއީ 2017 ވަނަ އަހަރު އެމްބާޕޭ ގެންދަން ކުރި ހަރަދުތަކަށްވެސް ކުޑަ އަގެއް. ރެއާލްއާ އިތުރަށް އެކަމުގައި ވާހަކަތަކެއް ދައްކާކަށް ޕީއެސްޖީން ބޭނުމެއް ނުވޭ. ޑެޑްލައިންއަކީ 31 އޯގަސްޓް، އެމްބާޕޭ މަޑުކުރާނެ އެކަށީގެންވާ އަގެއް ނައިސްފިނަމަ. ޔަގީނުންވެސް އޭރުން ކޮންޓްރެކްޓް އިތުރުކުރާނަން. އެނގޭހާވެސް އެއްޗަކީ މޮނާކޯއަށް ދިން ފައިސާއަށްވުރެ ކުޑަ އަގެއްގައި އެމްބާޕޭ ދޫނުކުރާނަން،" ޕީއެސްޖީގެ ޑިރެކްޓަރު، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލިއެނާޑޯ ބުނެފައިވެއެވެ.
ލިއެނާޑޯ ބުނެފައި ވަނީ ރެއާލުން އެތައް ފަހަރަކު ނުގަވާއިދުން އެމްބާޕޭގެ އާއިލާއާ ބައްދަލުކޮށް އެމްބާޕޭ ގެންދަން އުސޫލުން ބޭރު ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށާއި، އެކަންކަމާ ހެދި ރެއާލްއާ އިތުރަށް ވާހަކަ ދައްކަން ބޭނުންވެސް ނުވާ ކަމަށެވެ. އޭގެ އިތުރުން ލިއެނާޑޯ ފާހަގަކުރީ ރެއާލުން މިހާރު ބޭނުން ވަނީ ކުޑަ ބިޑެއްގެ ސަބަބުން ޕީއެސްޖީގެ ފަރާތުން އެމްބާޕޭ ދޫ ނުކުރާނެ ކަމަށް ބުނުމަށް ކަމަށާއި، އޭރުން އަންނަ ޓްރާންސްފާ ސީޒަންގައި ރެއާލަށް ހިލޭ އެމްބާޕޭ ގެންދެވޭނެ ގޮތް ހޯދޭނެ ކަމަށެވެ.
އެމްބާޕޭއަކީ ޕީއެސްޖީގެ އެންމެ ވަރުގަދަ އެއް ތަރިއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ސިފަކުރެވިފައިވާ އެއް ތަރި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުވަން އެކްލަބުން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ތަރިންގެ ޓީމެއް އުފެއްދުން ހިމެނެއެވެ. ލިއެނާޑޯ ބުނެފައި ވަނީ ލިއޮނަލް މެސީއާއި ޖިއާންލުއީޖީ ޑޮނަރޫމާގެ އިތުރުން ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިން ޓީމަށް ގެންދިޔައީ އެމްބާޕޭ ހިތްހަމަ ޖެހޭނެ ޓީމެއް ބިނާކުރުމަށް ކަމަށެވެ.
އެ ފައިސާ ހަރަދުކުރުމުންވެސް އެމްބާޕޭ ދާން ބޭނުންވި ކަމަށާއި، އެހެން ކަމަށްވާނަމަ ގަދަކަމުން މަޑުކުރުވަން ބޭނުން ނުވާ ކަމަށް ލިއެނާޑޯ ފާހަގަކުރިއެވެ. ލިއެނާޑޯ ބުނެފައި ވަނީ ޕީއެސްޖީގެ ބޯޑުން އެމްބާޕޭ ވިއްކާލަން ބޭނުން ނުވާ ނަމަވެސް، އެމްބާޕޭ އަމިއްލައަށް ދާން ބޭނުންވާނަމަ "ޕީއެސްޖީ އެދޭ ގޮތަކަށް" ފޮނުވާލާނެ ކަމަށެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް