ގެއާ އެންމެ ކައިރިން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ޕާކިން ސްލޮޓްތައް ހަމަޖައްސައި ދިނުމަށާއި، މެންބަރުން ބޭނުން ކުރައްވަމުން ގެންދަވާ ސޯޝަލް މީޑިއާގެ ރަސްމީ އެކައުންޓްތައް ރައްޔިތުންގެ މަޖިލީހުން ވެރިފައި ކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅުމަށް، އިމްތިޔާޒު ތަކާއި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.

މެންބަރުން ދިރިއުޅުއްވާ ގެއާއި އެންމެ ކަރިން ޕާކިން ހަމަޖެއްސުމަށް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.

މެންބަރު ރާއީ ވިދާޅުވީ، މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް ދައްކާ ގޮތަށް ގެއާއި އެންމެ ކައިރިން ޕާކިން ސްލޮޓް ހަމަޖައްސައިދިނުމަށް ހުށަހަޅުއްވާ ކަމަށެވެ. އެގޮތަށް ހަދަން ބޭނުން ވަނީ ކޮމެޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ، ޕާކު ކުރާނެ ތަނެއް ނުލިބުމުގެ ސަބަބުން މެންބަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން މެންބަރުންނަށް ނުގަވާއިދުން ކާރު ޕާކު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުންނާއި، ބައެއް މެނޭޖިން ޑިރެކްޓަރުންނަށް ވެސް ޕާކިން ސްލޮޓް ދީފައިވާ ކަމަށާއި، މަޖިލިސް މެންބަރުންނަކީ ވެސް ޝަރަފަކާއި ގަދަރެއް އޮންނަ ބައެއްކަމުން މެންބަރުންނަށް ވެސް ޕާކިން ސްލޮޓް ލިބެން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ހުށަހެޅުއްވި ގޮތަށް އެކަން ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

މެންބަރުން ބޭނުން ކުރާ ސޯޝަލް މީޑިއާގެ ރަސްމީ އެކައުންޓްތައް މަޖިލީހުން ވެރިފައި ކުރަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

އޭނާ ވިދާޅުވީ، މެންބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން ނުބައި މައުލޫމާތު ފެތުރުން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ރަސްމީ އެކައުންޓްތައް ވެރިފައި ކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ނަޝީދުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މެންބަރު ނަޝީދު ހުށަހެޅުއްވި ގޮތަށް އެކަން ކޮށްދިނުމަށް މަޖިލީހުގެ ސެކްރެޓޭރިއެޓަށް ހުށަހެޅުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.