ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭޔޫ) އިން ބޭއްވި މުޒާހަރާގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީީޕީ މެމްބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމުގައި އެ މެންބަރުގެ އިމްތިޔާޒަށް ފުލުހުން އަރައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ އެ މުޒާހަރާއިން ހައްޔަރު ކުރި މައްސަލަ ބަލައި ދިނުމަށް އެދި މައުރޫފުގެ ފަރާތުން ކޮމިޓީއަަށް ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ.

ކޮމިޓީއަށް މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާގައި ބައިވެރިވެފައި ވަނީ ސުލްހަވެރި މުޒާހަރާއަކަށް ވާތީ ކަމަށެވެ.

ނަމަވެސް އެ މުޒާހަރާގެ ތެެރެއިން މެންބަރު ހައްޔަރުކޮށްފައި ވަނީ، ގާނޫނާ ހިލާފަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކަމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް، އެކަމުގައި ބޭނުން ކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިއީ ކަނޑައެޅިގެން މަޖިލިސް މެންބަރުންގެ ކަރާމަތަށް އަރައިގަތުން ކަަމަށް ވާތީ އެ މައްސަލަ ކޮމިޓީ ބަލައިދިނުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ ބުދަ ދުވަހު ކޮމިޓީން ނިންމާފައި ވަނީ، އެ މެންބަރު ހައްޔަރު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތުގެ ޓައިމްލަނަށާއި ކޮމިޓީ މެންބަރުން ހޯދި މައުލޫމާތަށް ބަލާއިރު، އެކަމުގައި އެ މެންބަރުގެ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ފުލުހުން ކޮށްފައިވާކަން، އެނގެން ނެތް ކަމަށެވެ.