ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިކެއް ހަލާކުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ ދެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ހަލާކުވީ ފަލާހުގެ މޭޒުގައި ހުރި މައިކެއް ކަމަށެވެ.
ލިބުނު ގެއްލުމުގެ ސަބަބުން އެ މައިކް ޖެހޭނީ ބަދަލުކުރަން ކަމަށާއި، އެކަން ހިނގި ގޮތް ބަލައި އެކަމުގައި ޒިންމާ ވާ މެންބަރުގެ ފަރާތުން މައިކުގެ އަގު ހޯދައި މައިކު ބަދަލު ކުރުމަށް އެ މައްސަަލަ ކޮމިޓީއަށް ފޮނުވީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ކުރެއްވި ސުވާލަށް އެ މަނިކުފާނު ދެއްވި ޖަވާބުގެ ތެރެއިންނެވެ.
ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން ހަދަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެތަން ނިމޭނެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތްތަކަކަށް މަސައްކަތް ހަވާކު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ހިސާބުން އެމްޑީޕީ މެންބަރު އަޑުގަދަކުރައްވަން ފެއްޓެވިއެވެ. މަޖިލިސް ހޫނުވީ އެ ހިސާބުންނެވެ.
މި މައްސަލައާ ގުޅިގެން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނަވަން ވަނީ އަންގަވައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް