މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ގުދަނަކުން ބޮޑު ވައްކަމެއް ކުރި މައްސަލައިގެ ތުހުމަތުވާ ދެ މުވައްޒަފަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހަށް ހުށަހަޅާއިފި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ވަން" އަށް މިއަދު ވިދާޅުވީ އެ ކުންފުނީގެ ގުދަނަކުން ގިނަ އަދަދެއްގެ ތަކެތި މަދުވެފައިވާކަން ފާހަގަވެ އެކަން ބެލި ކަމަށެވެ. އެކަން ބެލި ބެލުމުން އެ ގުދަނުން ހަތަރު ލައްކަ އާއި ފަސް ލައްކަ އާއި ދެމެދުގެ އަގުހުރި ތަކެތި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

ބްރާސް މެޓީރިއަލް ލޮކަބްލްތަކެއް މަދުކަން ފާހަގަވެގެން ބެލިއިރު، ނަހަމަ ގޮތުގައި އެ އެއްޗެހި ބޭނުން ކޮށްފައި ހުރިކަން އެނގިފައިވާ ކަމަށާއި އެކަން ބެލިބެލުމުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކާއި އަދި އިންވެންޓްރީގައި އުޅޭ މުވައްޒަފަކު މިކަމުގައި ބައިވެރިވެފައިވާ ކަން ފާހަގަ ކުރެވި އެ ދެ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް މި މައްސަލަ ނިމެންދެން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

"މި ބްރާސް މެޓީރިއަލް އަކީ މީ ވަރަށް އަގު ބޮޑުކޮށް ވިއްކާލެވޭ އެއްޗެއް. ދެން އެކަހަލަ މެޓީރިއަލްތަކެއް ގެއްލިފަ މިހުރީ. ގާތްގަނޑަކަށް ހަތެއް ނޫނީ ފަސް ލައްކަ ރުފިޔާގެ ސާމާނު މި ގެއްލުނީ. އަޅުގަނޑުމެން މި މައްސަލަ އޭސީސީ އަށްވެސް ހުށަހެޅިން. އަދި ކުންފުނި ތެރެއިން އޮޑިޓެއްވެސް ހެދިން. މިއީ މިދިޔަ ޖުލައި މަސްތެރޭގަ ހިނގި ކަމެއް. ހާދިސާ ހިނގިތާ ތިން ހަތަރު ދުވަހެއް ތެރޭ އަޅުގަނޑުމެން މި މައްސަލަ ފުލުހަށް ހުށަހެޅިން." އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޝާހު ވިދާޅުވީ މި ވައްކަމުގެ ތުހުމަތު ކުރެވޭ އެއް މުވައްޒަފަކީ އެ ކުންފުނީގައި 15 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް ކަމަށާއި އަދި އަނެއް މުވައްޒަފު އެ ކުންފުނީގައި މަސައްކަތް ކުރާތާ ފަސް ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. މި މުވައްޒަފުންނަކީ ކުންފުނީގެ މަސައްކަތް ކުރާ އެހެން މުވައްޒަފުން ވަރަށް އިތުބާރު ކުރާ ދެ މުވައްޒަފުން ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ފެން ކުންފުނީގެ މުވައްޒަފުންތަކެއް ކޮށްފައިވާ ވައްކަމުގެ މި މައްސަލަ އަމިއްލަ ފަރާތަކުން ވަނީ އޭސީސީ އަށްވެސް ހުށަހަޅާފަ އެވެ.