ތަޅާލާފައިވާ ފާރަކީ ހިޔާ ފުލެޓުން ކޮމާޝަލް ބޭނުމަށް ދޫކޮށްފައިވާ ޔުނިޓެއްގެ ފާރެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ހިޔާ ފުލެޓެއްގެ ފާރެއް ތަޅާލާފައިވާ ކަމަށް ބުނެ ފޮޓޯއެއް ދައުރުވަމުންދާ ކަމަށެވެ. ނަމަވެސް އެ ފޮޓޯއާއެކު ދައުރުވަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަޅާލާފައިވާ ފާރަކީ ސުޕަ މާޓެއް ހިންގުމަށް ހަމަޖައްސާފައިވާ ދެ ޔުނިޓެއްގެ ތެރެއިން އެއް ޔުނިޓުގެ ފާރު ކަމަށެވެ. އަދި އެ ފާރު ތަޅާލާފައިވަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ދެނީ ކޮމާޝަލް ބޭނުން ތަކަށް ބައެއް ޔުނިޓުތައް. މީގެ ތެރެއިން ސުޕަ މާޓެއް ހިންގުމަށް ބޭނުންވާ ފަރާތަކަށް އަޅުގަނޑުމެން ދެ ޔުނިޓެއް ދޫކުރީ. އެއް ޔުނިޓަކު ސުޕަ މާޓެއް ނުހިންގޭނެތީ އެމީހުން އެތާ ފާރެއް ތަޅާލައިގެން އެ ދެ ޔުނިޓު އެއްކޮށްގެން ސުޕަ މާޓު ހިންގަން އެ އުޅެނީ. ދެން ނަގަން ޖެހޭ ހުރިހާ ހުއްދަތަކާއެކު އެކަން އެ ކުރަނީ." އޭނާ ވިދާޅުވި އެވެ.