ޖުމުހޫރީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލު ވުމުގަ އެވެ.
ޖުމުހޫރީ ޕާޓީން ބުނީ މި ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން، ޑެޕީއުޓީ ލީޑަރު އަމީން އިބްރާހިމް އާއި އެކު ކައުންސިލުގެ 29 މެންބަރުން ބައިވެރި ވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސަތުން ވަނީ ޕާޓީ ހަރަކާތްތައް އިތުރުކުރުމަށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުފަށަން ނިންމާފަ އެވެ. އަދި މި ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މި ބައްދަލުވުމުގައި އެ ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ އިންތިހާބު ވަނީ ބާއްވާފަ އެވެ. މި އިންތިހާބާއެކު އެ ދެ ކޮމެޓީގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން އިދާރީ މޭޒުން ހުށަހެޅި ފާހަގަ ކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމެޓީއެއް ހުށަހަޅާފައިވާ ކަމަށާއި ކައުންސިލުން އެކަމަށް ރުހުން ދީފައިވާ ކަމަށްވެސް ޖުމުހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ކައުންސިލުގެ 15 މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލަންވެސް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ