ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ވިއްކުމުގެ ބާރު، ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މިއީ ދައުލަތުގެ ބާއެއް ބާރުތައް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ގާނޫނުތަކަށް ގެންނަ އިސްލާހު ތަކުގެ ތެރެއިން، ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލެކެވެ.
މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ.
މި ބިލުން، ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ މިލްކުވެރި ކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.
އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ހަމަ އެބިން ލިބޭ ފަރާތުން، އެބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުން ނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލު ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ކުއްޔަށް ދީ، ބިމާބެހޭ އެހެނިހެން މުއާމަލާތްތައް ކުރަން ވާނީ ގާނޫނާއި ގަވާއިދު ތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭން ވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތް ވާ ގޮތުގެ މަތިން ކަމަށްވެސް ބިލުގައި ވެއެވެ.
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް