އެމްއާރުއެމްއިން ވަކިވެވަޑައިގެން، އުފައްދަވާ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އާ އެމްއާރުއެމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް، އެމްއާރުއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ 30 އަހަރުގެ ވެރިކަމުން ފެށިގެން އެމަނިކުފާނުގެ އަރުގައި އިސްކޮށް އުޅުއްވި، އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެ އެވެ.
އެމްއާރުއެމް އިން ވަކިވެ ވަޑައިގެން އާ ޕާޓީއެއް އުފައްދަވަނީ ރައީސް މައުމޫނު ވިދާޅުވެގެން ކަމަށާއި، އެއީ އެމްއާރުއެމްގެ ވިންގެއް ކަމަށް ބައެއް މީހުން ދައްކާ ވާހަކަތަކާ ގުޅިގެން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އޭކޭ ވިދާޅުވީ، އެއީ ރައީސް މައުމޫނުގެ އެދިވަޑައިގަތުމަކަށް ނޫނިއްޔާ އެމްއާރުއެމްގެ އެދުމަކަށް ކުރާކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީގައި ތިއްބަވާ ބޭފުޅުން އެމްއާރުއެމްގައި ތިއްބަވާ ބޭފުޅުންނާ މުޅިން ތަފާތު ވާނެ ކަމަށާއި، އެމްއާރުއެމްގެ އެއްވެސް ބޭފުޅަކު އެ ޕާޓީގެ ތެރޭގައި މަަސައްކަތް ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ކޮވިޑްގެ ފަހުން މިއައި ކަންތައްގަނޑުގެ ތެރޭގައި ވަކީން، ދެން އަޅުގަނޑުގެވެސް ތިބޭނެތާ ރަހުމަތްތެރިން އަދި ދަންނަ މީހުން ވެސް، އެހެންވީމަ އެކަހަލަ ބައެއްގެ ތެރޭގައި ކޮންމެހެން އަޅުގަނޑު އިސްވެ ފެށި މަސައްކަތެއް ވެސް ނޫން، މިއީ އެއްބަޔަކު އަނެއްބަޔަކާ ޑައިލޮގެއްގެ ގޮތުގައި ވާހަކަ ދެކެވެމުން އައިސް ފެށިކަމެއް، މި ވަގުތު އަޅުގަނޑު މީގެ މުއައްސިސަކަށް ހުންނަން ފެންނަ ކަމަށް ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަތީމަ އަޅުގަނޑު އެ މަސައްކަތް ކުރަނީ ކޮންމެހެން އެމްއާރުއެމް، ނުވަތަ އެހެން ޕާޓީއަކާ ގުޅިގެން ކުރާ މަސައްކަތެއް ނޫން މީކީ،"
އޭކޭ އިތުރަށް ވިދާޅުވީ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ރައީސް މައުމޫނާ އޮންނަ ގުޅުމަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަ ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް އެއީ އިނގޭތޯ އަޅުގަނޑު އެންމެ އިހުތިރާމްކުރާ ސިޔާސީ ލީޑަރު އެއީ، އެހެންވީމަ އަޅުގަނޑު ހަމަ މިހާރު ވެސް ފޯނުން ވެސް ވާހަކަ ދެކެވޭ، އަޅުގަނޑު މައުމޫނު އަރިހުގައި 30 އަހަރު އުޅުނީން އިނގޭތޯ، އޭގެ ތެރެއިން 15 އަހަރު ވަޒީރެއްގެ ގޮތުގައި އުޅުނީ އެހެންވީމާ އެ ގުޅުމަކަށް ބަދަލެއް ނާންނާނެ ދުވަހަކުވެސް،" އޭކޭ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު