ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ހާލަތު ގޯސްވެ، ޖަޕާނުގެ އިތުރު ސަރަހައްދު ތަކަކަށް ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.

ޖަޕާނުގައި ކޮވިޑުގެ ހާލަތު ގޯސްވެ ބައެއް ސަރަހައްދުތަކަށް ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު، އިތުރުކުރި ސަރަހައްދުތަކާއެކު ޖަޕާނުގެ ޖުމުލަ 21 ސަރަހައްދަކަށް މިހާރުވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

ޖަޕާނުގައި ކޮވިޑު ކޮންޓްރޯލުކުރުމަށް ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ ސަރަހައްދުތަކުގެ ލިސްޓަށް މިއަދު ވަނީ އަށް ސަރަހައްދެއް އިތުރުކުރެވިފައެވެ.

ކޮވިޑުގެ ހާލަތު ކޮންޓްރޯލު ކުރުމަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ހިމެނޭހެން އެގައުމުގެ ސަރުކާރުން ވަނީ މިހާތަނަށް 13 ސަރަހައްދަކަށް ސެޕްޓެމްބަރު 12 އާއި ހަމައަށް ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

ކޮވިޑުގެ ހާލަތު ކުއްލިއަކަށް ގޯސްވެ ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ކޭސްތައް މަތިވެގެން ގޮސްދާނެ ކަމަށް އެގައުމުގެ އިކޮނޮމިކް މިނިސްޓަރު ޔަސުތޮޝި ނިޝިމުރަ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިއްޔެ ޖަޕާނުން އާއްމުކުރި އަދަދުތަކަށް ބަލާއިރު 21،500 ކޮވިޑު ކޭސް އަލަށް ފެނިފައިވާއިރު 42 މީހަކު މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ޖުމުލަ އަދަދުތަކަށް ބަލާއިރު މިހާތަނަށް 1.34 މިލިއަން މީހުންނަށް ބަލި ޖެހި 15،700 މީހުން ވަނީ މަރުވެފައެވެ. އަދި 20،000 މީހުންނަށް ބަލީގައި ބޮޑުވަރުވެފައިވާކަމަށް އެގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގައުމުގެ ނޫސް އޭޖެންސީ އެންއެޗްކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓޮކިޔޯގެ 90 ޕަސެންޓް ހޮސްޕިޓަލުގެ އެނދުތައް ފުރި، 25،000 މީހުން އެނދުމަތި ކުރެވޭނެ ގޮތެއް ނެތި ގޭގައި ފަރުވާ ހޯދަމުން އަންނައިރު ގިނަ ބަޔަކަށް ފަރުވާ ނުލިބި މަރުވަމުންދާ ކަމުގައި ވަނީ ބުނެފައެވެ.