އޭއެފްސީ ކަޕުގެ ގުރޫޕު ޑީގެ ފަހު މެޗުގައި މިރޭ އިންޑިއާގެ ބެންގަލޫރުން 6-2 އިން ރާއްޖޭގެ މާޒިޔާ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗާ އެކު އޭއެފްސީ ކަޕުގެ ގުރޫޕު ޑީގެ މެޗުތައް ނިމިފައިވާ އިރު، މާޒިޔާ އިން ގުރޫޕު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. މިއީ މާޒިޔާގެ އޭއެފްސީ ކަޕު ތާރީހަށް ބަލާއިރުވެސް ދަށް ނަތީޖާއެކެވެ.

2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރިއެވެ. އޭގެ ފަހުން މެދުކެނޑުމަކަށްފަހު މާޒިޔާ އިން ދެން ވާދަކުރީ 2020 ވަނަ އަހަރުއެވެ. 2016 ވަނަ އަހަރާ ހަމައަށް އެންމެ އެދެވޭ ކާމިޔާބީއެއް މާޒިޔާއަށް ނުހޯދި އޮތް ނަމަވެސް ފޯމެޓަށް އައި ބަދަލާއެކު 2017 ވީ ފުރުސަތަކަށެވެ. ނަމަވެސް އެ ޗެލެންޖު ފަސޭހަ ނުވާނެކަން އޭރުވެސް މާޒިޔާއަށް އެނގެއެވެ. 2016 ވަނަ އަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދި މި ސަރަހައްދުގެ ބެންގަލޫރު އެފްސީއާ އެކު އެއް ގުރޫޕެއްގައި މާޒިޔާ ވާދަކުރަންޖެހޭ ނަމަވެސް އެއްވަނައަށް މާޒިޔާ ފޯކަސް ގެއްލުވައެއް ނުލައެވެ.

ބޮޑެތި ހުރަސްތަކަކާ އެކު މާޒިޔާއިން އޭއެފްސީ ކަޕަށް ސަރަހައްދީ ވަރުގަދަ ޓީމެއް ބިނާކޮށް، ގުރޫޕު ސްޓޭޖުން ހިތްދަތިކަން ލިބުނީ ދެ ފަހަރަށް ހަނިގޮތަކަށް ބެންގަލޫރު އެފްސީ އަތްދަށު ވެގެންނެވެ. 1-0 އިން ދެ މެޗުންވެސް މާޒިޔާ ބެންގަލޫރު އަތްދަށު ވެފައިވާ އިރު، ދެ ގުރޫޕުގައި ކުޅުނު އަނެއް ހަތަރު މެޗުގައިވެސް މާޒިޔާ ފެނުނީ މާބޮޑަށްވެސް ވަރުގަދަ ކޮށެވެ. އެ ހަތަރު މެޗު ފަސޭހަކަމާ އެކު ނެގިވެސް މެއެވެ.

2020 ވަނަ އަހަރަށް މާޒިޔާ އޮތީ އަދި މާބޮޑަށްވެސް ތައްޔާރުވެފައެވެ. ގުރޫޕު ސްޓޭޖުގެ ޖާގައަކަށް ޕްލޭ އޮފް ކުޅެން ޖެހުނު ނަމަވެސް މާޒިޔާއިން ތިބީ އުންމީދުގައެވެ. ތައްޔާރުވެސް ވީ އުންމީދުގައެވެ. ޕްލޭ އޮފްގައި ބަންގާޅުގެ ޑާކާ އަބަހާނީ އާއި ބެންގަލޫރުވެސް ކަޓުވާލައި، މާޒިޔާއިން ގުރޫޕަށް އެތެރެވިއެވެ. ޓީސީ ސްޕޯޓްސް ކްލަބުވެސް އޭރު ގުރޫޕު ސްޓޭޖުގައި އޮތް އިރު، ދިވެހި ދެޓީމާއެކު އިތުރަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވިއެވެ.

އެ ފޯމުގައި ގުރޫޕު ސްޓޭޖު ފަށައި، ޗެންނާއީ ސިޓީއާ އަވޭގައި ކުޅުނު ފުރަތަމަ މެޗު މާޒިޔާއިން އެއްވަރު ކުރިއެވެ. އެއަށްފަހު ކުޅެން އޮތް މެޗުތަކަށް ދެ ފަހަރަކަށް މާޒިޔާއިން ތައްޔާރުވި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، އޭއެފްސީން މުބާރާތް ކެންސަލް ކުރިއެވެ.

ބެންގަލޫރާއި މާޒިޔާ މިރޭގެ މެޗަށް ނުކުތް އިރުވެސް އޮތީ ކަޓައިފައެވެ. މިއަދު ހަވީރު ކުޅުނު މެޗުން ހޯދި ޕޮއިންޓާ އެކު އޭޓީކޭ މޯހަން ބަގާން ވަނީ ގުރޫޕުގެ އެއް ވަނަ ހޯދައި އަނެއް ބުރަށް ދަތުރުކޮށްފައެވެ. އޭޓީކޭ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ބަޝުންދަރާ ކިންގްސް އަށް ފަސް ޕޮއިންޓް ލިބުނު އިރު، ބެންގަލޫރު ތިން ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކުއެވެ. އެންމެ ފުލުގައި އޮތް މާޒިޔާ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

މިރޭގެ މެޗަށް ނުކުތް އިރު ދެ ޓީމުންވެސް ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާޒިޔާ އިން ވަނީ އުޒްބެކިސްތާނުގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފްގެ ބަދަލުގައި ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ފުރުސަތު ދީފައެވެ.

ބެންގަލޫރުން ވަނީ ކެޕްޓަން ސުނިލް ޗެތުރީގެ ބަދަލުގައި އުދަންތާ ސިންހް ފުރަތަމަ 11 އަށް ކުޅެން އަރުވައިފައެވެ. މިރޭގެ މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އުދަންތާ ވަނީ ބެންގަލޫރަށް ލީޑު ނަގައިދީފައެވެ. ބެންގަލޫރުން ލީޑު ފުޅާކުރީ މެޗުގެ 19 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ކްލެއިޓަން ސިލްވާ ޖެހި ގޯލުންނެވެ. އޭގެ ފަހުން ބެންގަލޫރަށް ތިން ވަނަ ގޯލެއް ޖަހައިދޭން ޖަޔޭޝް އާއި ލެއޯން އޮގަަސްޓިން ފުލުފުލުގައި ޖެހި ދެ ބޯޅަ ކީޕަރު ހުސެން ވަނީ ހުއްޓުވައިފައެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ހުސެން އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ހުސެންގެ ބަދަލުގައި ކީޕަރު މިރްޒޮހިދު ކުޅެން އެރި އިރު، އޭގެ ދެ މިނެޓު ފަހުން އޮގަސްޓިން ވަނީ ބެންގަލޫރުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އޮގަސްޓިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 60 ވަަނަ މިނެޓުގައި ކޯނޭ ޖެހި ބޯޅައެއް ބެންގަލޫރުގެ ޑިފެންޑަރު ޕްރާތިކް ޗޯދުރީ އަތުގައި ޖެހުނު ކަމަށް ބުނެ މާޒިޔާ އިން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެެ. އެކަމަކު ރެފްރީ ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ލަނޑެއް ޖަހަން މާޒިޔާ އިން ކުރި މަސައްކަތް މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކުރި އެވެ. އެ ޓީމުގެ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ހަތަރު މިނެޓ ފަހުން ބެންގަލޫރުން ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސިވާ ސަކްތީ ނަރާޔަނަން މި ގޯލު ޖެހީ އޭރިއާ ތެރެއިން ލިބުނު ފުރުސަތުން ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މާޒިޔާ އިން ފަހު ވިއްސަކަށް މިނެޓަށް އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން އެރުވިއެވެ. މާޒިޔާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 81 ވަނަ މިނެޓުގައި އަސަދުﷲ އެވެ. ބެންގަލޫރުގެ ފަސް ވަނަ ގޯލު ޖެހީ މެޗުގެ 85 ވަނަ މިނެޓުގައި ބިދްޔާޝަގަރު ސިންހް އެވެ. އަދި އިތުރު ވަގުތުގައި ބެންގަލޫރުގެ ހަ ވަނަ ގޯލު ޖެހީ ވެސް ބިދްޔާޝަގަރުއެވެ.