ޚަބަރު

ނަފުރަތުގެ ބިލަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވާފައިވާ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތަކާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން، ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާކޮށްފިއެވެ.

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފުރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފުރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.

ނަމަވެސް 100 އަށް ވުރެ ގިނަ ދީނީ އިލްމުވެރީންނާއި ގިނަ އަދަދެއްގެ އާއްމުންނާއި ގިނަ ކައުންސިލުތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް ދެކޮޅުހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސްނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ނަފުރަތުގެ ބިލާ ގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އިލްމީ ބޭފުޅުންނާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެއް ކަމަށްވެސް ބުންޏެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސްކޮށްފައިވާ ބިލުގެ ދެލިކޮޕީއާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ހުށަހެޅި ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

އެ ބިލާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތް ގޮތަށް ފާސްކުރަންޖެހޭ ބިލެއް ނޫން ކަމަށާއި އެ ބިލުގައި އިސްލާހުކުރަންޖެހޭ ކަންކަމާއި ބަދަލުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

ނަފުރަތުގެ ބިލު ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ގެންނަންޖެހޭ ކަމަށް ދެކެވަޑައިގެންނެވި ކަމަށާއި ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހެޅި ކަމަށެވެ. އަދި ސަރުކާރުން އެ ބިލު ފޮނުވި ގޮތަށް ބިލު ފާސްކުރުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އެ ބިލަށް ގެންނަންޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.