Close
އެލްޖީއޭ

އަޒްހާ އާއި ނިއުމާގެ އިތުރުން ޒީނާ، އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުން އައްޔަން ކުރުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ތެރެއިން އަޒްހާ އާއި ނިއުމާގެ އިތުރުން ޒީނާ އަލީ އެ ބޯޑަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޖެންޑާ އީކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ދެ އަންހެން ބޭފުޅުން ކަމަށްވާ މ. ލިލީސް/ އަޒްހާ ޒަމީރު އާއި ދަފްތަރު 2864/ އައިމިނަތު އަލީގެ އިތުރުން ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގ. ހިމާލިޔާގެ/ ފާތުމަތު ނިއުމާ އާއި މަދަނީ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ހ. ރައިޒިން ސަން/ ފާތުމަތު ޒީނާ އަލީ އަދި ބ. ކެންދޫ/ ޝާޒީބިން، އައިޝަތު ޝީޒާ އެވެ.

މިބޭފުޅުންގެ ތެރެއިން އައިމިނަތު އަލީ އެ މަގާމަށް ވަޑައިގެންނެވުމަށް ބޭނުންފުޅު ނުވާތީ ކޮމެޓީގެ އިންޓަވިއުއަށް ވަޑައިގެންފައެއް ނުވެއެވެ. އަދި އައިޝަތު ޝީޒާގެ ނަން ކޮމިޓީން ފާހެއް ނުވިއެވެ.

އެހެންކަމުން އަޒްހާ އާއި ނިއުމާގެ އިތުރުން ޒީނާ އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަން އެ ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ (2)ގައި ބުނެފައި ވަނީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ ހިންގާނީ، ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ ގޮތުގައި ހޯމް މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ ތިން މެންބަރުން ކަމަށްވާ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރެކެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކާއި މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

މީގެ ތެރެއިން ކައުންސިލުތަކުން އިންތިހާބު ކުރާ މެންބަރުން މިހާރު ވަނީ އިންތިހާބުކޮށް ނިންމައިފައެވެ.