ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބަރުލަމާނީ ނިޒާމުގެ ފައިދާއާ ބެހޭ ގޮތުން، ރައީސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓް އެލެކްސް އަހްމަދުގައި ދައްކާފައިވާ ވާހަކަތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ބަރުލަމާނީ ނިޒާމު ޕްރޮމޯޓް ކުރުމުގެ ގޮތުން އެކްސް ވިދާޅުވެފައި ވަނީ، ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބޭނީ ވަޒީރުންގެ ގޮތުގައި ކަމަށެވެ.
އެ ނިޒާމުގައި މިހާރަށްވުރެން ވޯޓު ވިއްކުން މާ ބޮޑަށް ނާދިރު ވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އަބަދުވެސް ވަގުން އުޅޭނެ ކަމަށާއި ނަމަވެސް އެ ނިޒާމުގައި އެކަން ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެއީ "ކަންކަން ޓްރާންސްޕޭރެންޓް ވެފައި ކޮންމެ ދުވަހަކު ވަޒީރު އަދި ބޮޑު ވަޒީރު މަޖިލިސް ގައި ޖަވާބުދާރީ ކުރާތީ،" ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެއަށް ރައްދު ދެއްވައި މުންދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރިޔާސީ ނިޒާމުގައި ވިއްކާނީ އެއްވޯޓުވިއްޔާ ބަރުލަމާނީގައި 85 ވޯޓު ސޭލް އަޅުވާނެ ކަމަށެވެ.
މަޖިލިސް މެންބަރުން ވަޒީރުކަން ކުރައްވާނެ ކަމަށް އެލެކްސް ވިދާޅުވެފައިވާތީ ރައްދު ދެއްވައި މުންދު ވިދާޅުވެފައިވަނީ، މި މަޖިލީހަށް ބަލައިލުމުން ވެސް މެންބަރުންގެ ތައުލީމާއި ތަޖުރިބާގެ ފެންވަރު އެނގިގެންދާ ކަމަށާއި، ތައުލީމީ ޒުވާން ޖީލެއް އޮތް ގައުމެއްގައި މަޖިލީހުގައި ގިނައީ ދެފުރާޅު ޖެހިފައިހުރި ތާކުން އެންމެ އަކުރެއް ވެސް ކިޔައިފައި ނެތް ގަމާރުން، ކަމަށެވެ. "މިވެރިން ވަޒީރުކަން ކުރަންވީމަ ވާނެ ގޮތް ވިސްނަން ވެސް ބިރުގަނޭ،" ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިއަދު ނުވާ ޖަވާބުދާރީއެއް، ވަކި ވެރިގަމުގެ ނިޒާމު ބަދަލުވެގެން ވާނެތޯ ވެސް މުންދު ސުވާލު ކުރައްވާފައި ވެއެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތައްވެސް އެބަހުރި ކަމަށާއި، އެއަށް ނުބެލިއަސް މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތުމުން ދެފުށް ފެންނާނެ ނޫންތޯވެސް ސުވާލު ކުރައްވާފައިވެއެވެ.
މައްސަލައަކީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، މިއޮތީ ވެރިކަމާ ހަވާލުވެ ތިބި ބައެެއްގެ މައްސަލަ ކަމަށްވެސް މުންދު ވިދާޅުވިއެވެ. އަދި "ކިޔެވީ ބޯޓު ދަތުރުކުރުން ކަމަށް ވާތީ ތިއުޅޭ ދަތުރު ކުރިއަށް ގެންދޭ. ނޭނގޭ ފަންނުތަކުގައި ގޮތް ފާޑުކިޔަން ފެށީމަ ވާނީ ފަލީހަތް،" ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މުންދު ވިދާޅުވީ އެއަށް ދިވެހިން ކިޔަނީ "ސީލައިފަ ދަނޑިންތެޅުން" ކަމަށެވެ.