އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަ ނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި މައްސަލަ އަވަހަށް ނިންމައިދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
މަހުލޫފް އެގޮތަށް ރޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމު ކަމާލުއްދީނަށް ދޭން އެމްޑީޕީން ނިންމުމާ ގުޅިގެންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، މަހުލޫފު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފުގެ މައްސަލައެއް ބަލަމުންދާތީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ވަނީ އަންގާފައެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަ ނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ ވަނީ ހުށަހަޅައިފައެވެ.
މަހުލޫފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރި ފަހުން ހަ ދުވަސް ވެއްޖެ ކަމަށެވެ. އެމްޑީޕީގެ ގަވާއިދުވާ ގޮތުން އެފަދަ މައްސަލަތަކުގައި ދެ ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހޭނެކަން ފާހަގަ ކުރައްވައި މަހުލޫފް ވަނީ އެކަމުގައި އަވަސް ޖަވާބެއް ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އަރިހުން އެދިވަޑައިގެންފައެވެ.
"އިންތިހާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރަން ބޭނުން. ތަފާތު ނުކުރައްވާ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފު މީގެ ކުރިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޖިނާއީ ކުށެއް ސާބިތު ނުވާ ހިނދަކު ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރެވެން ޖެހޭނެކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ، އޭނާއަށް ގެއްލިފައިވާ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިއީ އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަށް ޓަކައި އެތައް ގުރުބާނީއެއް ވެ، ސަރުކާރުގައި ރަނގަޅު ނަތީޖާ ނެރެދީފައިވާއިރުވެސް، ވެގެން އުޅޭ ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު