ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ކައުންސިލް ހައުސިންގެ ދަށުން ފުލެޓު ލިބޭ މީހުންގެ ތެރެއިން ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން ކުލި ސަބްސިޑައިޒް ކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ، މި ސަރުކާރުން އިއުލާން ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ކައުންސިލް ހައުސިން ނުވަތަ ސޯޝަލް ހައުސިން ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަން ލިބޭ މީހުންނަށް ސަރުކާރުން ކުލި ދެއްކުމުގައި ލުޔެއް ހޯދައިދެއްވާނެ ކަމަށެވެ.
އެ ކެޓެގަރީން ފްލެޓް ލިބޭނީ ވަކި މިންވަރަކަށް ވުރެ އާމުދަނީ މަދުން ލިބޭ އާއިލާތަކާއި ވަކި ހާއްސަ ހާލަތެއްގައި ދިރިއުޅޭ އާއިލާތަކަށް ކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ.
"..އެފަދަ އާއިލާތަކުގެ ތެރެއިން ކުލި ދެއްކޭނެ ގާބިލުކަން ނެތް ނުވަތަ ކުލީގެ ފުރިހަމަ މިންވަރު، އެއީ 5،000 ރުފިޔާ ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް އެ ސަބްސިޑައިޒް ކޮށްދޭނީ ސަރުކާރުން. ދެން އެކަން ކުރާނެ މެކޭނިޒަމެއް ނިންމާފައެއް ނެތް،" މަބުރޫކު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު