ޚަބަރު

އޮޅު ޖަނަވާރު މަގުމައްޗަށް ދޫކުރުން މަނާ ކުރުމުގެ ބިލު އިޖުތިމާއީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

އޮޅުކޮށްގެން ގެންގުޅޭ (ޕެޓް) ޖަނަވާރު މަގުމައްޗަށް ދޫކޮށްލުން މަނާ ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖަނަވާރުގެ ސިއްހަތާބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ.

މި ބިލު މަޖިލީހަށް ބަލައި ގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އޮޅުކޮށްގެން ގެންގުޅޭ (ޕެޓް) ޖަނަވާރު މަގުމަތި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލާ ފަރާތްތައް 5000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓް ކުރުމާއި، ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅުމާއި، ގާނޫނުން ހުއްދަ ދީފައިވާ ތަންތަން ނޫން އެހެން ތަންތަނުގައި ޖަނަވާރުގެ ވިޔަފާރި ކުރުމާއި، މި ގާނޫނުގެ ދަށުން ނެގޭ އެއްވެސް ސާމްޕަލް އެއް އޮޅުވައިލުމާއި، ދުޅަހެޔޮ ކަމުގެ މިންގަނޑާ ހިލާފަށް ޖަނަވާރު ގެންގުޅުމާއި އުފުލުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އެއިން ކޮންމެ ކުށެއްގެ އަދަބެއްގެ ގޮތުގައި 5000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ރިޕޯޓު ކުރަން ޖެހޭ ބައްޔެއް ޖެހިފައިވާ، ނުވަތަ އެފަދަ ބައްޔެއް އުފުލައިފާނެ ޖަނަވާރެއް، ވިއްކަން ބެހެއްޓުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ފޯރުކޮށްދިނުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި 10،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.

ޕެޓް ޖަނަވާރުންގެ ތެރެއިން ވީއްލިގެން މަގުމަތީގައި އުޅޭ ޖަނަވާރުތައް އިންސާނިއްޔަތުކަމާ އެކު ނައްތާލުމުގެ އިހުތިޔާރު ވެސް ބިލުން ދީފައި ވެއެވެ. އެއީ ޖަނަވާރުގެ މެދުގައި ފެތުރޭ ނުވަތަ ޖަނަވާރުގެ ޒަރިއްޔާ އިން އިންސާނުންނަށް ޖެހޭ ބައްޔެއް ޖެހިފައިވުމާއި ފުރާނައަށް ނުރައްކާވެފައިވާ ވަރަށް ޒަހަމް ވުމުންނެވެ.

ބިލުގައި ބުނެފައި ވަނީ ވީއްލިގެން މަގުމަތީގައި އުޅޭ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ނުވިހާ ގޮތަށް ހަދަންވާނީ ނުވަތަ ހޯޖާކުރަންވާނީ ނުވަތަ ނައްތައިލަން ވާނީ ޖަނަވާރުންގެ ކަންކަން ބަލާ ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށެވެ.